ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފަހުގެ ތާރީހެއްގައި ކުރެވުނު އެންމެ ބޮޑު އެއް ކައިވެންޏަކީ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ކަމުގައި މުހައްމަދު ޝާހިދު (ޝާޑު) ހުންނެވި އިރު، އޭރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާ ކުރެއްވި ކައިވެންޏެވެ.
ޝާޑާއި އިރުތިޝާމްގެ އެ ކައިވެންޏަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ކައިވެނި ވަނީ ރޫޅިފައެވެ.
އިރުތިޝާމަށް ފަހު ޝާޑު މިވަނީ މިފަހުން އާ ކައިވެންޏެއް ކުރައްވައިފައެވެ. މާލޭގެ ޒުވާން ކަނބަލަކާ ޝާޑު ކައިވެނި ކުރެއްވުމުން މީސް މީޑިއާގައި އިރުތިޝާމާއި ޝާޑުގެ ވާހަކަ އަނެއްކާވެސް ވަނީ ގަދަވެފައެވެ.
ޝާޑުގެ ކައިވެންޏަށް ފަހު އިރުތިޝާމް ވަނީ ޝާޑަށް ރައްދުވާ ފަދަ ޓުވީޓެއް ކުރައްވައިފައެވެ. ޝާޑުގެ ނަން ނުހިމަނައި، އިރުތިޝާމް ކުރެއްވި އެ ޓުވީޓުގައި ވިދާޅުވީ "ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫން" ކަމަށެވެ.
އެ ޓުވީޓުގައި އިރުޝާމް އިތުރަށް ވިދާޅުވީ ބޭރުފުށުން ފެންނަ އެއްޗެއްގެ ހަގީގަތް ފަހަރުގައި ނޭނގިދާނެ ކަމަށާއި އެތެރެފުށުގައި ފޮރުވިފައި ހުންނަ ކަންކަމުން އެހެން ގޮތަކަށް ގަބޫލުކުރަންވެސް ޖެހިދާނެ ކަމަށެވެ. އެހެންކަމުން ބޭރުފުށުން އެކަނި ބަލައިގެން ގޮތް ނިންމުމަކީ ނުވަތަ ކަމެއް ގަބޫލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އިރުތިޝާމްގެ ފުރަތަމަ ކައިވެންޏަކީ ޝާޑުއާ ކުރެއްވި ކައިވެންޏެވެ. ނަމަވެސް އޭރުވެސް ޝާޑު ވަނީ ދެ ކައިވެންޏެއް ކުރައްވައިފައެވެ. އަދި އޭރު އޭނާގެ ތިން ދަރިންވެސް ތިބެއެވެ.
ޝާޑުގެ ހަތަރުވަނަ ކައިވެނީގެ ހަފްލާ ހޮޓެލް ޖެންގައި ރޭ ބޭއްވި އިރު، އެ ހަފްލާއަށް ގިނަ ބަޔަކަށް ދައުވަތު ދީފައެއް ނުވެއެވެ. "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޝާޑު ކައިވެނި ކުރެއްވީ މއ. ޑައުންޝައިން، އައިޝަތު މުޒްނާއާ އެވެ. އެނގިފައިވާ ގޮތުގައި އުމުރުން 39 އަހަރުގެ މުޒްނާއަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ކޮއްކޮއެކެވެ.