އަދާލަތު ޕާޓީން މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރައީސަކަށްވެސް އަދި ނައިބު ރައީސަކަށްވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވެއެވެ. ނަމަވެސް އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ. އެނގިފައިވާ ގޮތުގައި އެ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ނައިބު ރައީސަކަށް އަންހެނަކަށް ކުރިމަތިލެވޭ ފަދަ ބަދަލެއް ހިމެނެއެވެ.

"ވަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިދާތާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އަދާލަތުގެ ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް. އެހެންކަމުން ސިޔާސީ ގޮތުން ކުރިއަށް ދާން ކޮށަން ޖެހުނު ކޮންމެ މަގެއްވެސް ކޮށާނަން،" ޝިދާތާ ވިދާޅުވިއެވެ.

ޕާޓީގެ ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުމަށް އިޝާރާތް ކުރައްވައި ޝިދާތާ ވިދާޅުވީ، ކޮންމެ ޕާޓީއެއްގެ ރައީސްކަމަށްވެސް އަންހެނަކަށް ވާދަކުރެވެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝިދާތާ އިސްތިއުފާ ދެއްވީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާނުކުރެއްވޭ ކަމަށް ބުނެ، ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ކުރިމަތިކުރުވި ޕްރެޝަރުތަކަކަށްފަހުއެވެ. އޭރު މިނިސްޓަރުކަމުގައި ޝިދާތާ ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.