އަދިވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެން ބޭނުންވާ ކަމަށާއި، ގައުމީ ޓީމާއެކު ވޯލްޑް ކަޕް ހޯދުމަކީ ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޔުވެންޓަސްގެ، އުމުރުން 35 އަހަރުގެ ފޯވަޑް ރޮނާލްޑޯ އަކީ މިވަގުތުވެސް ސެރެއާ އޭގެ ޓޮޕް ސްކޯރާއެވެ. ގައުމީ ޓީމަށް 102 ގޯލް ހަމަކޮށް، އޭނާ އަކީ މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން، ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މިހާތަނަށް ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ އިރާނުގެ އަލީ ދާއީގެ ރެކޯޑާ ހަމަކުރުމަށްވެސް ރޮނާލްޑޯއަށް ބޭނުން ވަނީ އެންމެ ހަތް ގޯލެވެ. އަލީ ދާއީ ގައުމީ ޓީމަށް ޖަހައިދީފައި ވަނީ 109 ގޯލެވެ. އެ ރެކޯޑު ރޮނާލޯ މުގުރާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
"އުމުރަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫން. މުހިއްމީ ސިކުނޑި. މުހިއްމީ ވިސްނުން ގެންގުޅޭ ގޮތް. އަހަންނަކީ މިވަގުތުގެ ކަންކަމަށް ބޮޑަށް ވިސްނާ މީހެއް. އަހަރެންގެ އުމުރުން ކިތައްމެ އަހަރެއްވި ނަމަވެސް، އަހަރެންވެސް މޮޅަށް ކުޅޭނަމަ ނުވިސްނަން މާދަމާ ކުޅުން ދަށްވެގެން ދާނެ ކަމަކަށް. އުންމީދަކީ އަދިވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅުން،" ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯ ބުނެފައި ވަނީ ފުޓުބޯޅައަކީ އުފާކުރަން ޖެހޭ ކުޅިވަރެއް ކަމަށާއި، މާދަމާ ދެރަގޮތެއް، ދަށް ކުޅުމެއް ދެއްކޭނެ ކަމަށް ވިސްނައި، އެކަންކަމާ ކަންބޮޑުވުމަކީ ބޭކާރު ކަމެއް ކަމަށެވެ.
ރޮނާލްޑޯގެ ކެރިއަރު ފެށީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިންނެވެ. 2003 ވަނަ އަހަރު، އޭރު އުމުރުން 18 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، އޭނާ ވިދާލިއެވެ. ޔުނައިޓެޑަށް ހަ އަހަރު ކުޅުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު ކްލަބު ރެއާލް މެޑްރިޑަށް ގޮސް، ކްލަބާއެކު ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދައި ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސްއަށެވެ.
ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކުރި ރޮނާލްޑޯ ބުނެފައި ވަނީ އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ގައުމީ ޓީމާއެކު ވޯލްޑް ކަޕެއް ނެގުން ކަމަށާއި، 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައިވެސް އެކަން ހާސިލްވުމަށް ފުރުސަތު އެބައޮތް ކަމަށެވެ. ވޯލްޑްކަޕަށް ދާއިރު ރޮނާލްޑޯގެ އުމުރުން 37 އަހަރު ވާން އޮތް ނަމަވެސް، ރޮނާލްޑޯ ބުނެފައި ވަނީ އުމުރުން ދުވަސް ވެގެންނޭ ބުނެ، ވޯލްޑް ކަޕަށް ނުދާން ނުވިސްނާނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު