ސްޓެލްކޯއިން ގްރީން ލައިފް ސޯލާ ޕޮޑް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
އުސްފަސްގަނޑު ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޯލާ ޕޮޑް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދުއެވެ.
ސްޓެލްކޯ އިން ރޭ އިފްތިތާހުކުރި ސޯލާ ޕޮޑު ފަރުމާ ކޮށްފައިވަނީ އަވިން ހަކަތަ އުފެއްދުމާއި ފެންމަތީގައި ހިފެހެއްޓޭ ގޮތަށެވެ. އެ ސޯލާ ޕޮޑަކީ ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށް އެ ކުންފުނީން ބުނެއެވެ.
ސްޓެލްކޯއިން ބުނީ އެ ސޯލާ ޕޮޑުގައި 330 ވޮޓްގެ 8 ސޯލާ ޕެނަލް ހަރުކުރެވިފައިވާނެ ކަމަށެވެ. އަދި އެ ޕެނަލްތަކުގެ އެފިޝެންސީ ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށްވުރެ ރަނގަޅުވާނެ ކަމަށާއި އެއިން ގާތްގަނޑަކަށް މަހަކަށް 360 ޔުނިޓް އުފައްދައިދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފަންސަވީސް އަހަރުގެ ވޮރެންޓީއެއް ދެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ އެ ސޯލާ ޕޮޑްތައް ފަރުމާކޮށްފައިވާނީ ޕްލަގް އެންޑް ޕްލޭ ކޮންސެޕްޓަށް އެކަތި އަނެކެއްޗާ ފަސޭހައިން، ގުޅުވާލެވޭގޮތަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ސީދާ ރަށްރަށުގެ ކަރަންޓު ގްރިޑާއި ގުޅާލުމުގެ އިތުރުން، ގްރިޑް ނުހުންނަ ރަށްރަށުގައި، ވަކިން ބެޓްރި ސިސްޓަމަކާ ގުޅާލައިގެންވެސް އެ ޕޮޑްތަކުގެ ބޭނުން ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ރޭ ތައާރަފު ކުރި ސޯލާ ޕޮޑުތަކަކީ އަށް ޕެނަލްގެ ސިސްޓަމާއި 16 ޕެނަލްގެ ސިސްޓަމްގެ ސްޓޭންޑާޑް ސައިޒްގެ ޕޮޑް ތަކެކެވެ. ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސޯލާ ޕޮޑްގެ އިތުރު ސައިޒުތައް ނެރުމަށް ނިންމައިފައެވެ.
ސޯލާ ޕޮޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ސޯލާ ޕޮޑަކީ ދުނިޔޭގެ އެކި ގައުމުތަކުން ފަރުމާކޮށްފައިވާ ސޯލާ ޕޮޑްތައް ދިރާސާކުރުމަށް ފަހު ތައްޔާރުކުރި ޕޮޑެއް ކަމަށާއި އެ ޕޮޑުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސޯލާ ޕޮޑު ފަރުމާ ކުރެވިފައި މިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފެއްދުމާއި ބޭނުންކުރާ ސިސްޓަމުތަކުގެ ތެރެއިން ފެންމަތީގައި ހިފެހެއްޓޭގޮތަށް ކޯރުކޯރުގައި އަދި މޫދުގައި ތައްޔާރުކުރެވިފައިވާ ސިސްޓަމްތައް ދިރާސާކުރުމަށްފަހު އެއަށްވުރެ ކޮލެޓީ އަދި އަގުހެޔޮ އުފެއްދުމެއްގެ ގޮތުގައި." މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯގެ ސޯލާ ޕޮޑްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރު އެ ފުރުސަތު ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު