އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ރޭ ޗެލްސީން ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އޮތީ މޮޅަކަށް ވަރަށް ބޮޑަށް ބޭނުން ވެފައެވެ. މިމަސް ފެށުނުއިރު އިނގިރޭސި ލީގުގެ އެއްވަނައިގައި ޗެލްސީ އޮތް ނަމަވެސް އޭގެ ފަހުން އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މިހާތަނަށް މޮޅުވީ އެންމެ މެޗަކުންނެވެ. 16 މެޗުން 26 ޕޮއިންޓް ހޯދައި ޗެލްސީ ތާވަލުގެ ހަވަނައިގައި އޮތްއިރު، މި ސީޒަންގެ މިހާތަނަށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އެސްޓަންވިލާ ވަނީ ރޭގެ މެޗުގައި ލިބުނު ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލައިފައެވެ.
ފުރަތަމަ ހާފްގައި ޗެލްސީގެ އޮލިވިއާ ޖިރޫ ގޯލެއް ޖަހައި ލީޑު ނަގައިދީފައިވާއިރު، އެ ގޯލަކީ ބެން ޗިލްވެލްގެ ހުރަހަކުން ޖިރޫ ޖެހި ގޯލަކެވެ. މެދު ކެނޑުމަކަށްފަހު ޗެލްސީގެ ފުރަތަމަ 11 އަށް ޖިރޫ ނެރެފައި ވަނީ ޓެމީ އަބްރަހަމްއާއި ޓީމޯ ވާން ބެންޗު ކުރުމަށްފަހުއެވެ.
ޗެލްސީގެ އެޓޭކް ވަރުގަދަ ކުރުމަށް މި ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކޯޗު ފްރޭންކް ލަމްޕާޑް ކޮށްފައިވާއިރު، އޭގެ ތެރެއިން ކައި ހަވާޓްސްއާއި ވާނާވެސް ލީގުގައި އެންމެ އެދެވޭ ކުޅުމެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ. އަލަށް މި ސީޒަނަށް ގުޅުނު ހަކިމް ޒިޔެޗްގެ ފަރާތުން ތަފާތު ކުޅުމެއް ސީޒަންގެ ކުރީކޮޅުގައި ފެނުނު ނަމަވެސް މިހާރު އޭނާ ހުރީ އަނިޔާގައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގައި އެލް ގާޒީ ވަނީ ވިލާއަށް ނަތީޖާ ހަމަހަމަ ކޮށްދީ، އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ ދަމަހައްޓައިދީފައެވެ. އެންމެފަހުން އެސްޓަންވިލާއިން ލީގުގައި ކުޅެފައިވާ ފަސް މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މެޗުގައި ދެޓީމަށްވެސް މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔައިރު، އެސްޓަންވިލާގެ ޖޯން މެގިންގެ ބާރު ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައި ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު