އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓުތަކުގެ އެހީގައި މަގާމުގައި ދެމިހުރުމަށް ޑޮނަލްޑް ޓްރަމްޕު ކުރަމުންދާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާގެ އެންމެ މަތީ ކޯޓުންވެސް ޓްރަމްޕަށް ނޫނެކޭ ބުނެފިއެވެ. މިދޮރު ބަންދުވީމާ މިހާރު އޭނާގެ ވިސްނުން ހުރީ ތިންވަނަ ދުނިޔޭގެ ޚުދުމުޚުތާރު ވެރިން އަމަލުކުރާ ބީދައިން މާޝަލް ލޯ ހިންގުމާއެކު ރިޔާސީ ގަރާރަކުން ވެރިކަމުގައި ދެމިހުރުމަށެވެ. މިދިޔަ ހުކުރުދުވަހު ބޭއްވި އެއްވުމެއްގައި ޓްރަމްޕު ވަނީ މިކަމާމެދު މަޝްވަރާވެސް ހޯދައިފައެވެ.
ޓްރަމްޕު އެންމެ އިތުބާރުކުރާ އަދި އޭނާގެ އެންމެގާތް މުޝީރުން ވައިޓްހައުސްއަށް އެއްކޮށްގެން ދެކެވުނު ވާހަކަތަކުގައި ޓްރަމްޕު އެދުނީ މާޝަލް ލޯ ހިންގައިގެން ވެރިކަމުގައި ދެމިހުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށާއި އެއީ ކުރެވިދާނެ ކަމެއް ނަމަ އެގޮތަަށް އަމަލުކުރުމާމެދު ފެންނަ ރައުޔެއް ދިނުމަށެވެ. ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ޓްރަމްޕުގެ ޚިޔާލަށް ތާއީދުކުރިޔަސް އެންމެންވެސް ބުނިކަމަށްވަނީ ތިޔައީ ނުކުރެވޭނޭ ކަމެކެވެ. އެހެނީ މާޝަލްލޯ ހިންގޭނީ ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ރުހުން ލިބިގެންނެވެ. އެ މަޖިލީހުގައި ޓްރަމްޕުގެ ޕާޓީއަށް އަގުލަބިއްޔަތެއް ނެތެވެ.
މާޝަލްލޯ ހިންގުމަކީ އިންތިޚާބުކުރެވިފައިވާ މަދަނީ ސަރުކާރުގެ ބާރު ހަނިކޮށް އަސްކަރީ ގާނޫނު ހިންގުމެވެ. މިއަށް ދިވެހި ބަހުން ކިޔަނީ ކުއްލި އަމުރުގެ ގާނޫނު ހިންގުމެވެ. އާއްމުކޮށް މިގޮތަށް އަމަލުކުރަނީ ހަނގުރާމައިގެ ވަގުތުގައެވެ. ނުވަތަ ގުދުރަތީ ބޮޑު ކާރިސާއެއް ދިމާވެފައިވާ ވަގުތުގައެވެ. ކުއްލި އަމުރުގެ ގާނޫނުގެ ދަށުން ރައީސް އަންގާ ކަންކަން ތަންފީޒުކުރާނީ ސިފައިންނެވެ. ސިފައިންގެ ކޮމާންޑަރުންނަށް ހައްދެއްނެތް ވަރުގެ ބާރުތައް ލިބިފައި އޮންނާނެއެވެ. ބޭނުން ބަޔަކު ހައްޔަރުކޮށް މަރައިލުމުގެ ބާރުވެސް ހިމެނޭގޮތުންނެވެ.
ގާނޫނުހަދާ މަޖިލީހުގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް އަގުލަބިއްޔަތު ނެތުމަކީ މާޝަލްލޯ ނުހިންގޭނެ ސަބަބުކަމަށް ވެގެން އެމެރިކާއަށް މިވަގުތު މާޝަލްލޯގެ ބިރެއް ނެތެވެ. އެކަމަކު އިންތިޚާބުން ބަލިވި ރައީސަކު ގޮތްހުސްވެގެން މާޝަލްލޯ ހިންގައިގެން ވެރިކަމުގައި ދެމިހުރުމުގެ ޚިޔާލުކުރިކަން ނުވަތަ ކުރާކަން ހާވަގެންދިޔައީމާ އެމެރިކާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެމެރިކާ އެކަންޏެއް ނޫނެވެ. މުޅިދުނިޔެއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. މިއީ އެމެރިކާގެ ރައީސެއްގެ ފަރާތުން ފެނިދާނޭ ކަމަށް ބަޔަކު ޚިޔާލުވެސް ކުރި ސިފައެއް ނޫނެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ގިނަބަޔަކު ގަބޫލު ކުރާގޮތުން ޑިމޮކްރަސީގެ ޗެމްޕިއަނެވެ. އެމެރިކާގެ ދައުލަތުގެ ބިންގާ އެޅުނީވެސް ޑިމޮކްރަސީއަށްޓަކައެވެ. ހައްގުތަކަށް އިއުތިރާފުވުމާއި ހައްގުތައް ލިބިދިނުމުގެ މަތީގައެވެ. މިއަދުގެ އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ ނުފޫޒުގަދަ ގައުމެވެ. ހުރިހާ ކަމެއްގައިވެސް އެންމެން ނަމޫނާއަކަށް ބަލާ ގަައުމެވެ. މިވަރުގެ ގައުމެއްގެ ރައީސަކު ރަށުތެރެއަށް ސިފައިން ނެރެގެން ސިޔާސީގޮތުން އޭނާއަށް ތާއީދު ނުކުރާ މީހުން ހައްޔަރުކޮށް ޖަލުތައް ފުރާލަން ޚިޔާލުކުރުމަކީ ހަގީގަތުގައިވެސް ސިހޭވަރުގެ ކަމެކެވެ.
އެމެރިކާ ވުޖޫދުވެގެން އައިދުވަސްވަރު ގާނޫނުހަދާ މަޖިލީހުގެ ރުހުންނެތިވެސް ރައީސުންނަށް މާޝަލްލޯ ހިންގުމުގެ ބާރު އޮވެއެވެ. އެ ބާރު ބައެއް ރައީސުން ބޭނުން ކުރައްވާފައިވެސް ވެއެވެ. މީގެ މިސާލަކީ އެމެރިކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރެވެ. ގާނޫނުހަދާ މަޖިލީހުގެ ރުހުން ލިބިގެން މެނުވީ ދާޚިލީ އެއްވެސް ކަމެއްގައި ސިފައިން ޝާމިލް ނުކުރެވޭނޭހެން ގާނޫނެއް ފާސްކުރީ 1878 ގައެވެ. މާޝަލްލޯއަކީ ސިފައިން ބައިވެރިކޮށްގެން ވެރިކަން ކުރުމެވެ. އެހެންވީމާ މި ގާނޫނުގެ ސަބަބުން ގާނޫނުހަދާ މަޖިލީހުގެ ރުހުން ނެތި މާޝަލްލޯ ހިންގުމުގެ ފުރުސަތު އެއްވެސް ރައީސަކަށް މިހާރު ނޯންނަނީއެވެ.
މާޝަލްލޯ ހިންގުމަކީ ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ޑިކްޓޭޓަރުން ނިކަން ގިނަގިނައިން ބޭނުންކުރާ އުކުޅެކެވެ. އިންތިޚާބަކާނުލައި ވެރިކަންކުރުމުގެ ގޮތުންނެވެ. އިންތިޚާބުގައި ބަލިވުމުންނެވެ. ނުވަތަ ބަލިވާނެކަން ކަށަވަރުވުމުންނެވެ. އެފްރިކާއިންނާއި އޭޝިޔާއިން އަދި މެދުތެރޭ އެމެރިކާއިން މިކަހަލަ ކިތަންމެ ޑިކްޓޭޓޭރުން ފެނިފައިވެއެވެ. ރާއްޖެއާއި އެންމެ ގާތުން ސިޔާސީ ބޭނުންތަކަށްޓަކައި މާޝަލްލޯ ހިންގުމުގެ ހާދިސާތައް ފެނިފައިވަނީ ބަންގްލަދޭޝްއާއި ޕާކިސްތާނުންނެވެ. ބަންގްލަދޭޝްގެ ވެރިކަން ޖެނެރަލް އިރުޝާދު އެންމެ ފުރަތަމަ ހިންގެވީވެސް މާޝަލްލޯ އެޑްމިނިސްޓްރޭޓަރުގެ ނަމުގައެވެ.
ކޮންމެއަކަސް މިހާރު އެމެރިކާގެ ރިޔާސަތުގައި އެހެރީ ތިންވަނަ ދުނިޔޭގެ ޑިކްޓޭޓޭރުންގެ ވިސްނުމުގެ ވެރިޔެކެވެ. އޭނާގެ ހިތަކަށް އެމެރިކާ ލިބިއްޖެނަމަ ވެެރިކަންކުރާނީ ޔޫގެންޑާގެ އީދީ އަމީނާއި ކެމްބޯޑިއާގެ ޕޮލްޕޮޓާއި ޗިލީގެ އޮގަސްޓޯ ޕިނޯޝޭވެސް ވެރިކަން ކުރި ބީދައިންނެވެ. އެކަމަކު އެމެރިކާގެ ނިޒާމު ހަރުދަނާވެފައި ޑިމޮކްރަޓިކް ސަގާފަތުގެ ވަރުގަދަ ކަމުން ޓްރަމްޕަށް އެ ފުރުސަތު ނެތީއެވެ. ޓްރަމްޕުގެ ކުރީގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ބޯލްޓަން ސިފަކޮށްފައިވާ ފަދައިން ޓްރަމްޕަކީ އެމެރިކާއަށް ކުރިމަތިވި މުސީބާތެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ