މާލޭ ސިޓީގައި އަންނަ މަހުގެ 10 އިން ފެށިގެން ކުނި ނަގަމުންދާނީ ދަންވަރު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ސިޓި ކައުންސިލާއި ވެމްކޯއާ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ގޭގޭގައި އުފެދޭ ކުނި ރޭގަނޑު 10:00ގެ ކުރިން ބޭރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ކުނި ނަގަން ފަށާނީ 12:00 އިން ފެށިގެން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ރެއަކުވެސް ރޭގަނޑު 10:00ގެ ކުރިން ޖެހޭނެ ކުނި ކޮތަޅު ބޭރަށް ނެރެން. އަޅުގަނޑުމެން ކުނި ނަގަން ފަށާނަން 12:00 އިން ފެށިގެން. ފަތިސް ނަމާދުގެ ކުރިން އަޅުގަނޑުމެން އެ ކުނިތައް ނަގައި މަގުތައް ސާފު ކުރާނަން. ފަތިސް ނަމާދަށް ދެން ރައްޔިތުން ދާންޖެހޭނީ ރީތިކޮށް ސާފްކޮށް ކުނި ނެތް މަގަކުން،" އޭނާ ވިދާޅުވި އެވެ.

އާދަމް އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ވެމްކޯގެ މުވައްޒަފުންނަށް ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރޭގަނޑު ނުނިދާ ހޭލައި ތިބެގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މާލޭ ސިޓިގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށްފަހު އަލުން ސްކޫލުތައް ހުޅުވޭއިރު މާލޭގެ މަގުމަތި ސާފުކޮށް ބެހެއްޓުމަކީ ސިޓި ކައުންސިލްގެ އަމާޒެއް ކަމަށެވެ. އަދި ދަންވަރު ކުނި ނަގާ ގޮތަށް ބަދަލުކުރުމުން ދަތިތަކެއް ހުރެދާނެ ކަމަށާއި ނަމަވެސް ކުންޏަށް ހައްލެއް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މާލޭގައި މިހާރު ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުން އަންނަނީ މެންދުރު ފަހުންނެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް ގޭގެ ބޭރުގައި ކުނި ކޮތަޅު ބެހެއްޓުމަށް ވެމްކޯއިން ވަނީ އަންގައިފަ އެވެ. ނަމަވެސް މިގޮތަށް އަމަލު ކުރުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ޖަމާކުރުން ވަނީ އިތުރުވެފަ އެވެ.