ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް، ވިދާ ބަބުޅާ ނޫކުލައިގެ ރީތި ތަރިތަކެއްހެން ޖަރީވާކަން ދިވެހިންނަށާއި މުޅި ދުނިޔެއަށް މަޝްހޫރުވެފައި އޮންނަނީ ރ. ވާދޫގެ ގޮނޑުދޮށެވެ. ސަރާސަރަށް އެރަށު ގޮނޑުދޮށުގައި އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އަނދިރިވުމާއެކު، އެ އަލި ގަދަވެ އެވެ.

ދަތުރު ހަދައިގެން އެ މަންޒަރު ބަލަން ބައެއް ދިވެހިން އެރަށަށް ދިޔަ ނަމަވެސް އެކަން ކިތަންމެ މޮޅަކަށް ސިފަކޮށް، ފޮޓޯތަކުން ފެނުނަސް، ހަމަލޮލުން ނުފެނި، ތަޖުރިބާ ނުކުރެވި އެތައް ދިވެހިންނެއް އަދިވެސް އެބަ ތިއްބެވެ. އެ ކަމަށް އެދި "ބަކެޓް ލިސްޓު"ގައި ޖަހައިގެން ތިބި ދިވެހިން ވެސް މަދެއް ނޫނެވެ.

ނަމަވެސް ރޭ ހުޅުމާލެ ގޮނޑުދޮށް ރެދަނުން ދިއްލާލުމާއެކު، މާލެ ސަރަހައްދުގެ ގިނަ ބަޔަކަށް އެ މަންޒަރު ބަލައިލުމުގެ ފުރުސަތު ލިބުނެވެ. މާލެ އާއި ވިލިމާލޭން ހުޅުމާލެ ގޮނޑުދޮށަށް ގިނަ ބަޔަކު އެއްވި އިރު، މުޅި ސޯޝަލް މީޑިއާ ދިއްލާލީ ނޫކުލައިންނެވެ. މިއާއެކު ރަށު ބަންދުގައި ތިބި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނެވެ. ރެދަނާއެކު ހިތްތައް ދިއްލާލި އެވެ.

ރެދަންގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެމީހުންގެ "ބަކެޓް ލިސްޓް"ގެ އެންމެ ކުރީގައި ހިމަނާފައިވާ އެކަން ހާސިލްވުމުގެ އުފާ ހިއްސާކޮށްފަ އެވެ. މިއީ ގިނަ ބަޔަކަށް އާ ކަމަކަށްވި ނަމަވެސް، އެ މަންޒަރު ފެނުނު ބައެއް މީހުން ބުނާގޮތުން ހުޅުމާލޭގައި މީގެ ކުރިން ވެސް ރެދަންލި އެވެ.

ރެދަން ލަނީ ބަޔޯލުމިނިސެންޓް ޕްލޭންކްޓަންގެ ސަބަބުންނެވެ. މީގެ ކުރިން ވާދޫގެ އިތުރުން ބައެއް އެހެން ރަށްތަކުގެ ގޮނޑުދޮށް ވެސް ރެދަނުން ދިއްލާލި އެވެ. އާންމުކޮށް މި މަންޒަރު ފެންނަނީ ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅާ ދިމާކޮށެވެ.