ވެރިކަންކުރާ ކޯލިޝަންގައި ތިއްބެވި ލީޑަރުންނަށް ކުރީގެ ރައީސް އަދި އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ހިތް ހަލާލުތޯ، އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުމާ ގުޅިގެން މިއަދު އެމަނިކުފާނަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝަރީފް ކުރެއްވި ޓުވީޓުގައި މާނަކުރައްވާފައި ވަނީ، ރައީސް ނަޝީދު ކީރިތި ކުރެއްވީ ރައީސް ޔާމީން ޖަލަށްލުމުގެ އުފަލުގައި ކަމަށެވެ.
އެގޮތުން ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ "ރައީސް ޔާމީން ނުހައްގުން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ކީރިތި ކުރެއްވުނުގޮތަށް، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކީރިތި ކުރެއްވި ސިޔާސީ ލީޑަރުންތަކެއް މި ސަރުކާރު (ރައީސް ސޯލިހުގެ) ގައި އެބަ ތިއްބެވި،" ކަމަށެވެ.
"އެފަދަ ބަޔަކާއެކުގައި، ކޯލީޝަން ހެދީ ކީއްވެ. އެ ބޭފުޅުންނަށް ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން ހިތް ހަލާލުތޯ،" ޝަރީފުގެ ޓުވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިންގާ ކޯލިޝަނުގައި ތިއްބެވި ލީޑަރުންގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބުދުﷲ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ، 2012 ވަނަ އަހަރު ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވިއިރު އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ލީޑަރުންނެވެ.
އޭރު އާންމުންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ކުރިމަތިވި ޕްރެޝަރުތަކާއެކު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު، އެމަނިކުފާނުގެ ވަރިކަން ބަޣާވާތަކުން ވައްޓައިލީ ކަމަށް ރައީސް ނަޝިދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު މިހާރު ވެރިކަމުގެ ކޯލިޝަންގައި ތިއްބެވި މި ދެންނެވި ލީޑަރުންގެ މައްޗަށް އެކަނިކުފާނު ކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު