ތ. ގުރައިދޫ އާއި މ. ވޭވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީން ދީފިއެވެ.
އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46.1 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ސަރަހައްދު ފުންކުރުމާއި 208 މީޓަރުގެ ސަރަޖައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 79 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، މިހާރު އޮތް ބަނދަރަށް އިތުރުކުރާ 56،925 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރުގެ 5،992 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުން ހިމެނެއެވެ. އަދި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ވޭވަށު ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު 48 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު