ދައުލަތުން މިއަހަރު ދޭން ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މިމަހުގެ 26 ވަނަ ދުވަހަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުން މިއަހަރު ދޭން ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

މި ޖަލްސާގައި ދެވޭ އިނާމުތަކުގެ ތެރޭގައި ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ މި ޖަލްސާ އިންތިޒާމުކުރަނީ ހޯމް މިނިސްޓްރީން ކަމަށާއި ޖަލްސާގެ ކަންތައްތައް ރާވަމުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު ކޮވިޑްގެ ހާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. އެހެންކަމުން ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މިއަހަރު މަދުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ހުށަހަޅާފައި ވަނީ 57 ފަރާތުންނެވެ. އެގޮތުން މި އިނާމު މިއަހަރު ދިނުމަށް ހަމަޖައްސާފައިވަނީ ހަތަރު ގިންތިއަކުންނެވެ.

މިއަހަރުގެ ގައުމީ އިނާމަށް ފޯމު ހުށަހަޅާފައިވަނީ 94 ފަރާތަކުންނެވެ. ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.