ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށް ގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖު މެޗުތައް ޑީބީ ސްޕޯޓްސް ކްލަބާއި ލ. މާމެންދޫ ބެންޗުން ކާމިޔާބު ކޮށްފިއެވެ.
ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރަތުގައި އިއްޔެ ހަވީރު ފުރަތަމަ ކުޅެފައި ވަނީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މާމެންދޫ ބެންޗާއި ލ. ގަމު މަތިމަރަދޫ މަތިވަރު ޖޫނިއާސް ވާދަކުރި މެޗު ބެންޗުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބެންޗުގެ ގޯލްތައް އަލީ ވިރާޝް އާއި ހުސައިން އައިޝް އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު ޔައިޝް ޖަހައިދިން އިރު، ވިރާޝް ވަނީ ދެ ގޯލް ޖަހައިފައެވެ. މަތިވަރުގެ ތިން ގޯލްވެސް ޖަހާފައި ވަނީ އަލީ ދާއިންއެވެ.
އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗަކީ ގްރޫޕް ސީގެ މެޗެކެވެ. ހިތަދޫ ޔޫތު އެންޑް ވެޓެރެންސް ސްޕޯޓްސް ކްލަބު (ހިތަދޫ އެސްސީ) އާއި ޑީބީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ޑީބީން ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގައި ޑީބީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒަކުވާން ހުސައިން ރަޝީދާއި މުހައްމަދު ޒުލާލް ޒާހިރު އަދި ހަސަން ރަޔަން އަހުމަދެވެ. އޭގެ ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ހިތަދޫ އެސްސީގެ ގޯލްތައް ޖަހައިދިނީ އަހުމަދު މުޝަފާއި އަހުމަދު ލަޔާން މުހައްމަދު އަދި އަލީ އަނޫފެވެ.
ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސްއިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ބުލީ ކުރުމާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިނގަމުންދާނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް" އެ ޝިޔާރުގެ ދަށުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި މާވަށު އެސްސީއާއި ސީ2އޭ ޖޫނިއާސް ވާދަކުރާއިރު، ދެވަނަ މެޗުގައި ޑެޓްރޮއިޓްސް ޖޫނިއާސް ނުކުންނާނީ ޑީކޭއެންޒީއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު