ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ ފޮރިން ކަރަންސީ ވޮލެޓުތައް އަނެއްކާ ވެސް ބްލޮކްކޮށްފި އެވެ.

ބީއެމްއެލުން ބުނީ، ޑިޖިޓަލް ވޮލެޓްތައް ބްލޮކް ކުރީ ރާއްޖެއަށް މި ދުވަސްވަރު ޑޮލަރު ލިބުން ދަތިވެފައިވުމާއެކު ރާއްޖެއިން ޑޮލަރު ބޭރުވާ މިންވަރު މަދުކުރުމަށް ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފާ ޕްލެޓްފޯމްތަކާއި ސްކްރިލް އަދި ޓްރާންސްފާ ވައިސް ހިމެނޭހެން ޑިޖިޓަލް ވޮލެޓުތަކުގައި އެ ކުންފުނީގެ ކާޑު ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ.

މިގޮތަށް ޑިޖިޓަލް ވޮލެޓްތައް ބްލޮކް ކުރި ނަމަވެސް ބްލޮކްކުރާ ޑިޖިޓަލް ވޮލެޓުތަކުން އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ރާއްޖޭން ބޭރުން ގެންނަ ފައިސާގެ ތެރެއިން 500 ޑޮލަރަށްވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ބޭރުގެ ޓްރާންސެކްޝަންތަކަށް އެ ކުންފުނީގެ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގަވާއިދުން ބަލައި، ބްލޮކްކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބޭންކުގެ އެ ނިންމުމާގުޅޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރުގެ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

މީގެ ކުރިން ބީއެމްއެލުން ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން އޮންލައިންކޮށް ޓްރޭޑްކުރާ ބައެއް ސައިޓްތައް ވެސް ބްލޮކް ކޮށްފަ އެވެ.