ދިވެހިރާއްޖެ އާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފި އެވެ.

ނިއުޔޯކްގައި ހުންނަ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ވަނީ ސޮއިކޮށްފަ އެވެ.

އެ ކޮމިއުނިކޭގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާޓިން މަސޫކޫ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކުރުމާއެކު ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އެކުގައި މަސައްކަތް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ގައުމުތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ 1.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެސްވަތީނީއާއެކު ހާރިޖީ ގުޅުން ގާއިމްކުރުމުން، ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދަކީ މިހާރު 175 އެވެ.