ވިޔަފާރިވެރިންނަށް ސިންގަޕޫރު ހުޅުވާލަން ނިންމާފައިވާކަން އެގައުމުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޗަންގް ޗުން ސިންގް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހަމަ އެކަނި ވިޔަފާރިވެރީންނަށް ހާއްސަ ޕްލޭނެއްގެ ދަށުން މި ފުރުސަތު ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ.

ކަނެކްޓް އެޓް ސިންގަޕޯ އިނީޝިއޭޓިވް ނަމުގައި ފަށާ މިހާއްސަ ލޭން މެދުވެރިކޮށް ހުރިހާ ގައުމެއްގެ ވިޔަފާރިވެރީންނަށް ވެސް ހާއްސަ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް އެތެރެ ވެވޭނެ އެވެ.

ޗަން ވަނީ އެގައުމަށް އެތެރެވުމަށް މިވަގުތު އަދި ހުއްދަ ދިނުމަށް ނިންމާފައިވަނީ ވަކި ފެންވަރެއްގެ ވިޔަފާރިވެރިންނާއި އޮފިޝަލުންގެ އިތުރުން ބޮޑެތި ވިޔަފާރިކުރާ ފަރާތްތަކަށް އެކަނި ކަމަށް ވިދާޅުވެފައެވެ.

ވިޔަފާރިވެރިންނަށް ސިންގަޕޫރުގައި 14 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއިނީޝިއޭޓިވްގެ ދަށުން އެގައުމުގައި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ސިއްހީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެގޮތުން އެގައުމަށް އެތެރެވުމަށްފަހު ތިބެން ޖެހޭނީ ކަނެކްޓް އެޓް ސިންގަޕޯ އިން ހަމަޖައްސާ ހާއްސަ ފެސިލިޓީއެއްގައެވެ. އަދި ޓެސްޓު ކުރުމާއި ސިއްހީ ބެލުންތައްވެސް އެތަންތަނުން ބަލަމުން ގެންދާނެއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ޖެނުއަރީ މެދުތެރެއިން ފެށިގެން އެޕްރޮގްރާމްގެ ދަށުން ވިޔަފާރިވެރީންނަށް ސިންގަޕޫރަށް އެތެރެވެވޭނެ ކަމަށެވެ.

އެ ޕްރޮގްރާމަކީ ކޮވިޑްގެ ސަބަބުން ސިންގަޕޫރަށް ކުރިމަތިވެފައިވާ އަޑިގަނޑުން އަރައިގަތުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.