މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރައީސަކަށް ސަންގުޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސް ކަމަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސެއިން ސަގީފު އިންތިހާބު ކޮށްފި އެވެ.

އެމްއެމްސީގެ މެމްބަރުން އާ ދައުރަކަށް އިންތިހާބުކޮށް މިއަދު ވަނީ އާ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވައިފަ އެވެ. އެ ޖަލްސާގައި ރައީސަކާއި ނައިބް ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ކަމަށް ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ ޝަހުބާންގެ އިތުރުން ޕީއެސްއެމްގެ އަލީ ހުސެއިން އަދި އާންމުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި މެމްބަރު މުހައްމަދު ޝަފާއު އެވެ.

ރައީސް ކަމަށް ޝަހުބާން ހޮވުނީ ހަ ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި އަލީ ހުސެއިނަށް ފަސް ވޯޓު ލިބުނުއިރު، ޝަފާއުއަށް ލިބުނީ ތިން ވޯޓެވެ. ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލީ ސަގީފު އެކަންޏެވެ. އޭނާ އެ މަގާމަށް އިންތިހާބު ކުރީ ފެންނަ ނުފެންނަ ވޯޓެއް ނަގައި، 14 މެމްބަރުންގެ ތާއީދާއެކު އެވެ.

ޝަހުބާން އަކީ މީގެ ކުރިން ސަން އޮންލައިން އާއި ރާއްޖެޓީވީގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ. އަދި ސަގީފަކީ މީގެ ކުރިން ހދ. އަތޮޅު ކައުންސިލް މެމްބަރު ކަމާއި އެ ކައުންސިލްގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ވެސް އޭނާ ވާދަކުރެއްވި އެވެ.

އެމްއެމްސީ އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންނެވެ.

އެމްއެމްސީ އަށް އަލުން މެންބަރުން ހޮވާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. މީޑިއާ ކައުންސިލުގައި މިހާރު ތިއްބަވާ މެންބަރުންގެ ތެރެއިން މީޑިއާގެ މެންބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުވެފައިވާ މެންބަރެއްގެ ދައުރު ހަމަނުވާތީ، އެ ތިންތިހާބުގައި އިންތިހާބު ކުރީ މީޑިއާގެ ހަތް މެންބަރަކާއި އާންމުންގެ ހަ މެންބަރެކެވެ.