ޔުނިސެފްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް 420 ލެޕްޓޮޕާއި ދިވެހި ކިއުމަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ދިވެހި ވާހަކަ ފޮތް އަދި ސްކޫލުތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ ސަފީލްދީން އެވެ. އަދި މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެތަކެތި ހަދިޔާ ކުރީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށާއި އަންނަ އަހަރު ސްކޫލުތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނާޝިޕް ފޮ އެޑިއުކޭޝަން (ޖީޕީއީ)ގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. ޖީޕީއީގެ މެންބަރު ގައުމަކަށް ރާއްޖެވީ 2019 ވަނަ އަހަރުއެވެ.

ޑިސްއިންފެކްޓްތަކަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ. އަދި 2726 ދިވެހި ވާހަކަ ފޮތް ހަދިޔާކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް ވިދާޅުވީ މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި ވެސް ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ކުރި މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.

ތައުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން އަބަދުވެސް ގިނަ ގޮތްގޮތުން ލިބޭކަން ފާހަގަކުރައްވައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް އަދި ޔުނިސެފްގެ ޓީމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޔުނިސެފާއި ތައުލީމީ ދާއިރާއާ ދެމެދުވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައި އެގޮތުގައި އަބަދުވެސް މަސައްކަތް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.