އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ސުޕަ ޔުނައިޓެޑް (ސަސް)އަށް ލީގުގެ ފުރަތަމަ ޓެސްޓް މިރޭ އޮންނާނެއެވެ. މިދިޔަ އަހަރުގެ ދެވަނަ ޓީމު، އަދި ޗެރިޓީޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކުރި ކްލަބު އީގަލްސްއާ ދެކޮޅަށް ސަސްއިން ނުކުންނައިރު، އެޓީމުން ފުލް ގިއަރުގައި ނުކުތުން މުހިއްމުވާނެއެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެންދެވުން އެއީ ކޯޗު އަހްމަދު ނާޝިދު (ނާދު) އަށް ބޮޑު އިތުބާރެކެވެ.

"ބިދޭސީ ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެންމެ ރަނގަޅަށް ބޭނުންކުރުން އެއީ އެންމެ މުހިއްމު ކަމަކަށްވާނީ. ހާއްސަކޮށް މިހާރު ޓީމުގައި ތިބި ތަޖުރިބާކާރު ހުރިހާ ކުޅުންތެރިން ދަނޑުމައްޗަށް ލެވޭތޯ މަސައްކަތް ކުރާނަން. އެހެން ބުނި ނަމަވެސް، އީގަލްސްގެ ފެންވަރަށް ބަލާނަން. އެޓީމުގެ ފެންވަރުވެސް ފެނިއްޖެ. އީގަލްސްއާ ދެކޮޅަށް ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުންކުރަން ބޮޑަށް ވިސްނަނީވެސް. ތަޖުރިބާކާރު ކުޅުންތެރިން ލައިގެން ނަތީޖާ ނެރެވޭނެ ކަމަށް އުންމީދުކުރަނީ،" މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ނާދު ބުނެފައި ވެއެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ކުރިން ސަސްއިން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައެވެ. އެގޮތުން ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ)ގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވެސް މި ސީޒަންގައި ފެންނާނީ ސަސްއިންނެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާންވެސް މި ސީޒަންގައި ސަސްއިން ފެންނާނެއެވެ. އެ ކުޅުންތެރިންގެ ތަޖުރިބާއަކީ ކޯޗު ނާދުގެ އެންމެ ބޮޑު ހަތިޔާރެވެ.

އޭގެ އިތުރުން ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއްވެސް ސަސްއަށް ގެންގޮސްފައިވާއިރު، އެއީވެސް ކޯޗު ނާދުއަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް އޭނާ ދެކެއެވެ.

"ބިދޭސީ ކުޅުންތެރިން ޕްރެކްޓިސް މެޗުތަކުގައި ފެނުނުއިރު ރާއްޖޭގައި ކުޅޭ ބޭރުގެ ކުޅުންތެރިންނާ އަޅައިބަލާއިރު، ވަރަށް ރަނގަޅޭ ބުނަން ޖެހޭނީ. އާންމުކޮށް ކުޅޭ ބޭރުގެ ކުޅުންތެރިންނަށްވުރެވެސް ރަނގަޅު. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން އާދަޔާ ހިލާފު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވެނީ. އެ ކުޅުންތެރިން ލައްވައި ކުޅުވާނީ ދިވެހި ކުޅުންތެރިން. އެ އެކުވެއްޖެނަމަ އާދަޔާ ހިލާފު ކުޅުމެއް ފެނިގެންދާނެ،" ނާދު ބުނެފައިވެއެވެ.

ސަސްއިން އެ ކްލަބުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ މިރޭ 9:00 ގައެވެ.