ރ. ރަސްމާދޫގައި މޫދަށް އެރި އުޅުނު 28 އަހަރުގެ ޒުވާން ފިރިހެނަކު މިއަދު މަރުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ވ. ބެލްވިލް ޔޫސުފް ޝުއާއު މަރުވެފައިވަނީ، މިއަދު ހަވީރު މޫދަށް ގޮސް އުޅެނިކޮށް ފިޓް ޖެހިގެންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ރަސްމާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

އެ ހާދިސާއަށް ފަހު އޭނާގެ ހަށިގަނޑު ވަނީ އާއިލާގެ އެދުމުގެ މަތިން މާލެ ގެނެސްފައެވެ. އަދި މިރޭ އޭނާގެ ހަށިގަނޑު ވަނީ އާސަހަރާގައި ވަޅުލައިފައެވެ.

ޝައުއާއުގެ އެކުވެރިޔަކު މައުލޫމާތު ދިން ގޮތުގައި މީގެ ކުރިން ޝުއާއު ވަނީ ކޮވިޑް ޖެހިގެން އެ ބައްޔަށް ފަރުވާ ހޯދައިފައެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވުމަށްފަހު، ސިއްހީ އެހެން މައްސަލައަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ޝުއާއު ވަޒީފާ އަދާކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައެވެ. ޗުއްޓީ ހޭދަކުރުމަށް ޝުއާއުގެ އަނބިމީހާގެ ރަށް، ރަސްމާދުއަށް ޝުއާއު ދިޔައީ ދާދި ފަހުންނެވެ. އެމީހުންގެ ކައިވެންޏަށް އަހަރު ފުރުނީ މީގެ ދެ ދުވަސް ކުރިންނެވެ.