އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި އޮޕަރޭޝަނެއްވެސް ކުރެވިފައިވެއެވެ. ރޫހީ ލީޑަރުގެ ސިއްހަތަކީ އާއްމުގޮތެއްގައި ދައުލަތުގެ އެންމެ ބޮޑެތި ސިއްރުތަކުގެ ތެރެއިން ސިއްރެކެވެ. އެހެންކަމުން އަލީ ޚާމަނާއީގެ އާލާސްކަންފުޅުގެ އެކޮޅުމިކޮޅު ގިނަބަޔަކަށް އޮންނަނީ ވަންހަނާވެފައެވެ. އެކަމަކު ޚާމަނާއީގެ އާލާސްކަންފުޅު މިހާރު ވަރަށް ސީރިއަސްވެއްޖެކަމަށް ޔަގީން ކުރެވުނީ މުހިއްމު ގިނަ ބައްދަލުވުންތަކެއް ކެންސަލްވުމާއި ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީގެ ބާރު ގަދަވެއްޖެކަމުގެ އަލާމާތްތައް ފެންނާން ފެށުމުންނެވެ.
އީރާނަކީ ޖުމްހޫރީ ދައުލަތެކެވެ. ސަރުކާރު ހިންގަވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރެވޭ ރައީސެކެވެ. އެހެންނަމަވެސް ދައުލަތުގެ އެންމެ ބާރުގަދަ އެންމެ އިސް ލީޑަރަކީ ރޫހީ ލީޑަރެވެ. އެއީ ދަންނަބޭކަލުންގެ ތެރެއިން މުޅި އުމުރުދުވަހަށް އައްޔަންކުރެވޭ މަގާމެކެވެ. އީރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބުގައި ރަސްކަން އުވާލުމަށްފަހު އުފެއްދި މަގާމެކެވެ. އެ މަގާމު އުފެއްދިފަހުން ފުރަތަމަ ރޫހީ ލީޑަރަކީ އާޔަތު ﷲ ޚުމައިނީއެވެ. އޭނާ 1989 ވަނަ އަހަރު އަވަހާރަވުމުން ދެން އައްޔަން ކުރެވުނީ މިހާރު މަގާމުގައި އެހުންނެވި އަލީ ޚާމަނާއީއެވެ.
ރޫހީ ލީޑަރު އައްޔަންކުރަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ކަމުވޮށިގެންވާ މީހުންގެ މަޖިލީހަކުންނެވެ. އީރާނުގެ ރައީސްވެސް ގިނަ ކަންކަމުގައި ޖަވާބުދާރީ ވާނީ ރޫހީ ލީޑަރަށެވެ. ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާއި ފަޑިޔާރުންވެސް ޖަވާބުދާރީވާނީ ރޫހީ ލީޑަރަށެވެ. ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އިންޓެލިޖެންސް މިނިސްޓަރާއި ސައެންސް މިނިސްޓަރުފަދަ މުހިއްމު މިނިސްޓަރުން އައްޔަން ކުރައްވަނީވެސް ރޫހީ ލީޑަރެވެ. ޚާރިޖީ ސިޔާސަތުގެ މުގޫ އޮންނަނީ ރޫހީ ލީޑަރަށެވެ. އަރަބި ގައުމުތަކަށް ފޮނުވާ ސަފީރުން އައްޔަން ކުރައްވަނީވެސް ސީދާ ރޫހީ ލީޑަރެވެ.
އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް މަގާމުތަކާއި އަދުލުއިންސާފުގެ ދާއިރާގެ އެންމެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީވެސް ރޫހީ ލީޑަރެވެ. އެހެންކަމުން ގައުމުގެ ހުރިހާ ދާއިރާއެއްގައިވެސް އެންމެ ބާރުގަދަ ބޭފުޅަކީ ރޫހީ ލީޑަރެވެ. މި މަގާމު އުފެއްދިއިރު ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތުން އެމަގާމަށް ވަޑައިގެންނެވޭނީ ތައުލީމާއި ތަޖުރިބާގެ ގޮތުން އެއްވަނަ ދަރަޖައިގެ ދަންނަ ބޭކަލުންނަށެވެ. އެކަމަކު ދާދިފަހަކުން ގާނޫން އަސާސީއަށް ބަދަލުގެނެސް އެންމެ މަތީފަންތީގެ އާލިމުން ނޫން ބޭފުޅުންނަށްވެސް އެމަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އުމުރުފުޅުން 82 އަހަރުވީ އަލީ ޚާމަނާއީ އަވަހާރަވެއްޖެނަމަ ރޫހީ ލީޑަރުކަމަށް ދެން ވަޑައިގަންނަވާނީ ކޮންބޭފުޅެއް ބާވައެވެ. ގިނަބައެއްގެ ވިސްނުން ވަރަށް ސާފެވެ. އެބޭފުޅަކީ އުމުރުފުޅުން 51 އަހަރުވީ މުޖުތަބާ ޚާމަނާއީއެވެ. މުޖުތަބާއަކީ އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. މެދުފަންތީގެ ދަންނަބޭކަލެކެވެ. ވަރަށް ކުރީއްސުރެ އަލީ ޚާމަނާއީ ވަނީ ދަރިކަލުންނަށް މަގާމުގެ ރާސްތާ ސައުފުކޮށްދެއްވައިފައެވެ. އެކަމަށްޓަކައި ދަރިކަލުންނަށް ތަމްރީނު ދެއްވިއެވެ. ރޫހީ ލީޑަރުކަމަށް ބޭފުޅަކު އައްޔަންކުރުމުގައި ދެވަނަ ވިސްނުމަކަށްވެސް ނުގޮސް މުޖުތަބާ ޚިޔާރު ކުރުމަށް މަޖިލީސް މެންބަރުންނަށްވެސް އަލީ ޚާމަނާއީ ވަނީ އިރުޝާދު ދެއްވައިފައެވެ.
އީރާނުން ލިބެމުންދާ ޚަބަރުތަކުން ޔަގީން ކުރެވެނީ އަލީ ޚާމަނާއީގެ އާލާސްކަންފުޅު ވަރަށް ސީރިއަސްކަމެވެ. ރައީސް ހަސަން ރޫހާނީއާއެކު ބޭއްވުމަށް ހަމަޖެހުނު ވަރަށް މުހިއްމު ބައްދަލުވުމެއްވެސް ޚާމަނާއީގެ ސިއްހަތު ތަންނުދޭތީ މިހަފުތާގައި ވަނީ ކެންސަލް ކުރެވިފައެވެ. މިހުރިހާ ކަމެއް ދިމާވީ ފަހަކަށްއައިސް އީރާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައެވެ. އެމެރިކާއާއި އިޒްރޭލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ ވެރިޔާ އަވަހާރަކޮށްލީ ހުސްވި ހަފުތާ ތެރޭގައެވެ. ސައުދީ އަރަބިޔާ އިސްވެ އޮވެގެން އީރާން ރުޅިއަރުވައި ގޯހެއް ހަދަން މަޖްބޫރުކުރުންވަނީ އައު ހިސާބަކަށް އުފުލިގެންގޮސްފައެވެ.
ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ހާލަތުގެ ނުރައްކާ ބޮޑުވިޔަސް އީރާނުގެ ސިޔާސަތަށް މިދަނޑިވަޅުގައި ބަދަލެއް ނާންނާނެއެވެ. ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވެގެން މުޖުތަބާ ޚާމަނާއީ އެ މަގާމަށް ވަޑައިގެންނެވިޔަސްމެއެވެ. އޭގެ ސަބަބަކީ އަލީ ޚާމަނާއީގެ ސިޔާސަތު ރާވައި ބައްޓަންކޮށް ތަންފީޒުކުރުމުގައި މިހާތަނަށްވެސް އެންމެ މުހިއްމު ދައުރެއް އަދާކުރައްވަމުން ވަޑައިގެންނެވި ބޭފުޅަކީ މުޖުތަބާ ޚާމަނާއީ ކަމަށްވުމެވެ. އެހެންވީމާ ސިޔާސަތަކަށްވާނީ ކުރީގެވެސް ސިޔާސަތެވެ.
ސައްޔިދު މުޖުތަބާ ހުސައިނީ ޚާމަނާއީއަކީ ހުޅަނގުން ގަބޫލުކުރާގޮތުގައި އެންމެ ހަރުކަށި ސިޔާސަތުގެ ބޭފުޅެކެވެ. މިކަމުގެ ހެއްކަކީ އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދުގެ ބައިވެރިޔަކަށް ވުމެވެ. ހަމައެޔާއެކު އިސްލާހަށް އެދި މީގެ ދުވަސްތަކެއްކުރިން އީރާނުގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ކުރި މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން މުޖުތަބާ އިސްވެ ހުންނަވައިގެން ހިންގެވި އަމަލުތަކެވެ. އެކަމަކު މިއީ ހުޅަނގުގެ އެކަނި ވިސްނުމެކެވެ. އީރާނުގެ ރައްޔިތުންގެ ވިސްނުމެއް ނޫނެވެ. އީރާނުގެ ގިނަބަޔަކު ގަބޫލުކުރަނީ މުޖުތަބާއަކީ މެދުމިނުގެ ބޭފުޅެއް ކަމުގައެވެ.