އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޫ ކަމަށްވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރު އެހުރީ މެޝިނަކާ އަޅުވައި ގޭގައި ކަމަށާއި 24 ކިލޯގެ ޑްރަގާއެކު ޑްރަގް ޓެރެފިކިންގެ ކުށުގައި 25 އަހަރަށް ހުކުމް ކުރި އަބްދުﷲ ސޮފްވަތު ކުރު މުއްދަތެއްގެ ތެރޭގައި އެހުރީ މިނިވަން ކޮށްފައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ، ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަން ޖެހޭ ތަނެއް ނޫން ކަމަށާއި އެކި ސަބަބުތަކާ ހުރެ ގޯސް މަގު ހިޔާރު ކުރެވޭ މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިއްޔެ ވިދާޅުވުމާ ގުުޅިގެން އިމްރާންގެ އެ ވާހަކަކޮޅު ޓެގް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ދިޔާނާގެ ޓުވީޓުގައި ވިދާޅުވީ، ކަޅު ފައިސާއިން ވެރިންގެ ޖީބުތައް ފުރާލަދޭ މުޖުރިމުން އެކި ބަހަނާތައް މަތިކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

ބާރުތައް ބޭނުންކުރައްވަން ވާނީ އަމާނާތްތެރިކަމާއެކު ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ލަނޑުދަނޑިތައް ހަރާބުވާގޮތަށް މުޖުތަމައު އިތުރަށް ފަސާދަވުމަށް މަގުފަހިވާގޮތަށް ބާރުތަކުގެ ބޭނުން ހިއްޕެވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވާ އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް އިއުތިރާފުވެ ވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހުންނަވަނީ ގެއަށް ބަދަލުކޮށްފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އަދީބު ގޭ ބަންދުގައި ހުރީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުދަނގޫވެ، އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީއެވެ. އަދީބު އިއްޔެ ވަނީ މާލެ އިން ހުޅުމާލޭގައި ހުންނަ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ.

ދިޔާނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވާ، ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ވެސް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ދޫކޮށްލައިފައެވެ.

އެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހ. އެވާޕީސް، ސޮފްވަތުގެ މައްޗަށް ހުކުމް ކުރީ 27 މާޗް 2017 ގައެވެ.