ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމު މިއަހަރު 10 ފަރާތަކުން ހޯދައިފިއެވެ.
ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ގާސިމް އަބްދުލްކަރީމެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅިއެވެ. އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު 11 ދާއިރާއަކުން 10 ނޫސްވެރިއަކު ހާސިލުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމެވެ.
- ތަޙުގީގީ ނޫސްވެރިކަން - މުހައްމަދު މުޒައްޔިން ނާޒިމް / ސަން އޮންލައިން
- އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން - ޝަފްނާ ހުސެއިން / ސަން އޮންލައިން
- ސިޔާސީ ދާއިރާ - މުޙައްމަދު ވިޝާމް / އަވަސް އޮންލައިން
- ޝަރުއީ އަދި ގާނޫނީ ދާއިރާ - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ - އީމާން އަންވަރު / އަވަސް އޮންލައިން
- ކުޅިވަރުގެ ދާއިރާ - މުހައްމަދު ހަމްދޫން / މިހާރު ނޫސް
- ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ - މުހައްމަދު އަފްރާޙް / އަވަސް އޮންލައިން
- ވިޔަފާރި އާއި އިގުތިސޯދުގެ ބްރޯޑްކާސްޓިން ދާއިރާ - ސިމާހާ ނަސީމް / ރާއްޖެ ޓީވީ
- ފީޗާ ރިޕޯޓް - މުހައްމަދު ހަމްދޫން / މިހާރު ނޫސް
- ފީޗާ ރިޕޯޓް ބްރޯޑްކާސްޓިން ދާއިރާ - ޝުރުފާ މުހައްމަދު / ވީޓީވީ
- ފޮޓޯ ޖާނަލިޒަމް - ނިޝާން އަލީ / މިހާރު ނޫސް
- ވީޑިއޯ ޖަނަލިޒަމް - ޝުރުފާ މުހައްމަދު / ވީޓީވީ
- އެންމެ އުއްމީދީ ނޫސްވެރިޔާ - މުހައްމަދު މުޒައްޔިން ނާޒިމް / ސަން އޮންލައިން
މިރޭގެ ހަފުލާގައި އެމްއެމްސީގެ ފަރާތުން ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
މިރޭގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނޫސްވެރިންނަށް ވީޑިއޯ މެސެޖެއް ދެއްވައިފައެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް ކަމަށާއި އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް ކަމަށެވެ. ކޮންމެ ނޫސްވެރިއެއްވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައި ޒިންމާދާރުވުމަކީ އިވޭ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރުކުރުމަށްފަހު އަދި އެއީ މުޖުތަމައަށް ކޮންމެހެން އެނގެން ޖެހޭ ނުވަތަ މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށް ފަހުގައި އާންމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު