ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
އެމްއެމްސީން މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ރިލްވާންގެ ހަނދާނުގައިދޭ ފިލާ، އޭނާގެ ދައްތަ ފާތުމަތު ޝެހެނާޒާ ހަވާލުކޮށްދެއްވީ އެމްއެމްސީގެ ރައީސް ރަައީސް ހިދާޔަތުﷲއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ވަނީ ރިލްވާނާ ގުޅޭ ހާއްސަ ވީޑިއޯ ރިޕޯޓެއްވެސް ދައްކައިފައެވެ.
ރިލްވާން ގެއްލުނުތާ މިއަހަރު، ހަ އަހަރު ވެފައިވާއިރު، އޭނާ އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެފައިވަނީ މިއަދު ނޫހުންނެވެ. އޭގެ އިތުރުން މިނިވަން ނޫހާއި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އަދި މޯލްޑިވްސް ހިއުމަން ރައިޓްސްގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ "މޮޔަ މީހާ" ގެ ނަމުގައި ބްލޮގެއްވެސް ހިންގައިފައެވެ.
މިރޭގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިރޭ އެންމެ ބޮޑަށް ހަނދާނަށް އަންނަނީ ރިލްވާނާއި އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދު ކަމަށެވެ. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލާ ކަމަށެވެ. އެއީ އުނދަގޫ މަސައްކަތެއް ނަމަވެސް އެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރެއް މިހާރު ރާއްޖެ އައިސް، އެ މައްސަލައިގެ ތަހުގީގީ ޓީމާއެކު މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބޭރުގެ އިންވެސްޓިގޭޓަރެއް ގެނެސްފައި މިވަނީ ރައީސްގެ އަރިހުގައި އާއިލާގެ ފަރާތުން އެކަމަށް އެދުމުންނެވެ.
ރިލްވާންގެ މައްސަލަ ތަހުގީގު އޮތީ ނިމުމަކާ ގާތުގައި ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ބުނީ މި ސަރުކާރު ވެރިކަމަށް އައީ ރިލްވާނާއި ޔާމީންގެ ނަން ބޭނުންކޮށްގެން ކަމަށާއި އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލް ވެފައިވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު