ރާއްޖޭގައި މި ފަހުން ހިނގައިދިޔަ މަރުގެ ބޮޑެތި މައްސަލަތަކަށް އިންސާފު ނުލިބި ލަސްވަނީ އެ ޖަރީމާތައް ފޮރުވަން ދައުލަތުގެ މުއައްސަސާތަކުގައި ތިބި ބަޔަކު މަަސައްކަތް ކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަނީ ކީއްވެގެންތޯ ޕީއެސްއެމް އިން މިރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާންމު ރައްޔިތަކު ސުވާލުކުރުމުން، ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، މަރުތަކަށް އިންސާފު ނުލިބި ލަސްވަނީ އެ ޖަރީމާތައް ފޮރުވުމަށް ސަރުކާރުގެ ބައެއް މުއްސަސާތަކުން މަސައްކަތް ކުރާތީ ކަމަށެވެ.
"އެކިއެކި މުއައްސަސާތަކުގެ ތެރޭގައި އެކަން، އެ ޖަރީމާތައް ފޮރުވުމަށް ނުވަތަ އެ ޖަރީމާތަކާ ގުޅޭގޮތުން އެހާ ބޮޑެތި ރުޅިވެރިކަމާއި ދެރަވުމާއި އެކަންކަން ހިތުގެ ތެރޭގައި ނުއުފެދޭ ބާވަތުގެ މީހުން އެބަ އުޅޭ، މި ދައުލަތުގެ އެކި މުއައްސަސާތަކުގެ ތެރޭގައި. އެހެންވީމަ އެ މުއައްސަސާތަކުގެ ތެރެއިން ތަހުގީގުތައް ހިންގިގެން ދައުވާތައް ކުރެވެން ދަތިވެގެން މިދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދަތިތަކާ އެކުގައިވެސް މަރުތަކަށް އިންސާފު ލިބޭނެ ކަމަށެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށްޓަކައި ވެރިކަަމުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.
ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ދެ އަހަރު ނިމިގެން ދިޔައިރު މަރުތަކަށް އިންސާފު ހޯދައިދިނުމުގައި އެދެވޭ ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޮމިޝަނުން ވަނީ ރިލްވާންގެ އިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ހިމެނޭހެން ބައެއް މަރުތަކުގެ ތަހުގީގު ރިޕޯޓު އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު