ޗެނަލް 13 އިން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ބްރޯޑްކާސްޓްކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިތުރަށް ބަލަންޖެހޭ ޖާގައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސް ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުމުން އެ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ ކޮމިޓީން ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނެފައި ވަނީ އެ މައްސަލަ ކޮމިޓީން ބެލި ބެލުމުން އެކަމަށް އިތުރު ފިޔަވަޅެއް އަޅަން ނުވަތަ އެކަމާބެހޭގޮތުން އިތުރަށް އެންގުމެއް އަންގަންޖެހޭތަނެއް ނެތްކަމަށެވެ.
ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅިގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއުން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ހުށަހެޅުން ފާސްވާން ބޭނުން ވަނީ 30 މެންބަރުންގެ ވޯޓެވެ.
ކޮމިޓީގެ ހުށަހެޅުމުގައި ބުނެފައި ވަނީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ޗެނަލް 13 އިން ރައްޔިތުންގެ މެދުގައި ނުތަނަވައްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފަތުރައި ކޮންޓެންޓް ބްރޯޑްކާސްޓްކުރި މައްސަލަ ބެލުމަށް، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެން އެކޮމިޓީން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެ މައްސަލަ ކޮމިޓީން ބެލި ބެލުމުގައި، މައްސަލައާ ގުޅޭ އެއްވެސް ތަހުގީގެއް، ފުލުހުން ކުރިއަށް ގެންދޭތޯ އާއި، އޭގެ ތަފްސީލްތައް ކޮމިޓީން ސާފުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގުކޮށް އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާކަމަށާއި، އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް ކޮމިޓީގެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު