ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއިން މަސައްކަތްކޮށްގެން "ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ" (ސީޑީއާރުއައި) މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފިއެވެ.

އެ މުއާހަދާގައި ބައިވެރިވުމަށް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ޗާޓަރުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 13 ގައެވެ.

ރައީސް އޮފީހުން ބުނީ، އެ ޗާޓަރަކީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އދ. ގެ އެޖެންސީތަކާއި ޕްރޮގްރާމްތަކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމްތަކާއި ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕާޓްނާޝިޕެއް ކަމަށެވެ.

އެ ކޯލިޝަންގެ އަމާޒުތަކާއި ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ އަށް އިންވެސްޓް ކުރުން ފަދަ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ އެ ޗާޓަރު ގުޅިފައިވާތީ އާއި އެ ޗާޓަރަކީ އިންޑިއާގެ އިސްނެންގެވުމެއް ކަމުގައިވާތީ ރާއްޖެއިން އެ ކޯލިޝަނަށް ތާއީދުކޮށް އދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ، އެ ޗާޓަރުގެ މައިގަނޑު މަގުސަދަކީ އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްގީކުރުމާއި މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުން ކަމަށެވެ.

އެ ޗާޓަރުގެ މަގުސަދުތަކާއި ތަސައްވުރާއި ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި ސެންޑައި ފްރޭމްވޯކް ފޮ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި އދ.ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެ ޗާޓަރުގެ ތެރެއިން ކާރިސާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ގާބިލުކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރެ އެވެ.