ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 32

4

"ރިސެޕްޝަނުގަ އިން ޓްރިޝާ ބުނީ. ރިޕޯޓް ނެގި ތަނުގައި ޝުހޭލްގެ ނަން އިނދެފައި އަދި ހަޒްބެންޑް ކަމަށް އިނީމަ އިނގޭނެއްނު. ޓްރީޓް އިންނާނެ ދޯ" ޔޫވީކާ ބުނެލިއެވެ. އަނާރް ބޯޖަހައިލިއެވެ. ކްލާސް ރޫމް ތެރޭގައި އެންމެން ކޭކް ފަޅާ އުފާ ފާޅުކުރަމުން ދިޔަ ވަގުތު އަނާރް ލަސްލަހުން ޝުހޭލްއަށް ބަލައިލިއެވެ. އެވަގުތު އެއީ ޝުހޭލް ވެސް އަނާރަށް ބަލަން ހުރި ވަގުތެވެ.

ގެއަށް ދިޔަގޮތަށް އަނާރް ސިޓިންރޫމުގައި އިށީނދެގެން އިނެވެ. ކޮޓަރިއަށް ވަދެ ފެންވަރައިގެން ޝުރޫކް ނުކުތްއިރުވެސް އަނާރް ވިސްނުމަކަށް ގެއްލިފައި އިންތަން ފެނިގެން އެދިމާލަށް ދިޔައެވެ. އަނާރަށް ކައިރީގައި ޝުރޫކް އިންކަން އިނގުނީ އޭނާގެ އަތުގައި ޝުރޫކް ހިފައިލުމުންނެވެ.

"އެންމެން މިހާރު ހީކުރަނީ އަހަރެން ޝުހޭލްއާ މެރީކޮށްގެން އުޅޭ ކަމަށް" އަނާރް ބުނެލިއެވެ.

"ޝުހޭލް ހީކުރާނީ ކީކޭ؟ އޭނަވެސް ބޭނުމެއް ނުވާނެ މިކަން ބޮލުގަ އަޅުވާކަށް. އަހަރެން ކިހިނެއް ހަދާނީ ދެން؟" އަނާރް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވި މަޑުމޮޅިކަމާ ހިތްދަތިކަމުން ޝުރޫކްގެ ހިތުގައި ރިއްސައިލިއެވެ.

"ތިކަމަށް ޝުހޭލް އެއްޗެއް ނުބުނެއެއްނު. އަހަރެންނަށް ފެންނަނީ ޝުހޭލް އެއްޗެއް ނުބުނާހާ ހިނދެއްގައި ހިމޭނުން ހުންނަން. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް" އަނާރްގެ އަތުގައި ފިރުމަމުން ޝުރޫކް ވާހަކަދެއްކިއެވެ.

"ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އަހަރެންނާ ޝުހޭލްއާ އެއްވެސް ގުޅުމެއް ނެތްކަން އެމީހުންނަށް އިނގުނިއްޔާ ދެން؟ މިއުޅެނީ އެއް ގެއަކުވެސް ނޫނެއްނު. މިއަދު ނޫނީ މާދަމާ އެއިން މީހަކު އަހަރެމެން އުޅޭ ގެއަށް އައިސްދާނެ. އަހަރެން ބޯގޮވާވަރު ވޭ އެބަ" އަނާރް ވާހަކަދެއްކިއެވެ.

"އަރޫ ތިހާވަރަށް ނުވިސްނަބަލަ. ތިކަމަށް ވެސް ޝުހޭލް ހައްލު ހޯދައިދޭނެ. އަހަރެންނަށް ޔަޤީންވާ އެއް ކަމެއް އެބައޮތް. އަރޫގެ ރުހުން ނެތި ދުވަހަކު ވެސް ޝުހޭލް އަރޫ ކައިރިން ކައިވެންޏަކަށް ނޭދޭނެ. އެކަމަކު ތިލަދުން އަރޫ ސަލާމަތް ކުރަން އޭނައަށް ކުރެވުނުހާ ކަމެއް ކޮށްދޭނެ" ޝުރޫކް ވާހަކަދެއްކިއެވެ. އަނާރަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. އޭނާގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އަނާރް ޝުރޫކާ ނަޒަރު ބަދަލުކޮށްލިއެވެ. އެހިނދު އަނާރްގެ ދެލޮލުގެ ތެރެއިން އުންމީދުގެ އަލިކޮޅެއް ޝުރޫކަށް ފެނުނެވެ. އޭނާ ހިނިތުންވެލިއެވެ.

ރަންކިޔުމުގެ ކަންތައްތައް ކުރިއަށްދާ ވަރަކަށް އަބާންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެކައިވެނި ހަގީގަތުގައި ވެސް އޭނާ ކުރަން ބޭނުންވޭތޯ އެތައް ފަހަރަކު އަމިއްލަ ހިތާ ސުވާލުކޮށްފިއެވެ. އޭނާގެ ހިތް ނިންމީ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެކައިވެނިކޮށް އަނާރަށްވުރެ ކުރިން ދިރިއުޅުމެއް ފަށާށެވެ. ދުވަހެއްގައި ވެސް އޭނާ ލިބިދާނެ ކަމަށް އަނާރް އުންމީދެއް ކުރާނަމަ އެ އުންމީދެއް ނެތިކޮށްލާށެވެ. އެނދުގައި އޮވެ ވިސްނުންތަކުން އޭނާ ސިކުނޑިއަށް އުނދަގުވާން ފެށުމުން ތެދުވެ ހިނގަން ފެށިއެވެ. ރޭގަނޑުގެ ބޮޑުބައި ނިމި މެންދަމުގެ ހަމަހިމޭން ކަމަށް ރޭ އެޅިފައި އޮތްއިރު ވެސް އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކޮފީއެއް ބޯލުމަށް ބަދިގެއަށް ދާން އޭނާ ނިކުތީ ޓީޝާޓް ލަމުންނެވެ.

ބަދިގޭ ދޮރުމައްޗަށް ނާރަނީސް އެތެރޭގައި މީހަކު ހުރިކަން އޭނާއަށް އިނގިއްޖެއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ބަލައިލިއެވެ. ފެންހޫނުކުރާ ޖަގު ކައިރީގައި ފުރަގަހަށް ހުރި އަންހެން ކުއްޖާ ފެނިއްޖެއެވެ. އޭނާއަށް އެއީ ޒައިނާކަން އެނގި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ހިތުގައި އުފެދިފައިވި ނުތަނަވަސްކަމާ ހާސްކަން ފިލުވާލަން ޒައިނާއާ ވާހަކަދައްކާލާނަމޭ ހިތާ ޒައިނާ ކައިރީގައި ގޮސް ހުއްޓިއްޖެއެވެ. ޒައިނާ އެނބުރިލީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ.

"އަބީ..." ޒައިނާ އަބާނަށް ދިމާލަށް އެނބުރިލަމުން ގޮވައިލިއެވެ.

"އަހަރެން މިގުޅަނީ އިނގޭ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގަ" ކަންފަތާ ގުޅާލެވިފައިވި ހެޑްފޯނު ކަނޑާލާފައި އޭނާ އަބާނަށް ބަލައިލިއެވެ.

"ހަދަ ބިޒީއޭ. ބިޓެއްތަ އަނެއްކާ" އަބާން ވާހަކަދެއްކިއެވެ.

"ފްރެންޑެއް. ދެން ބުނޭ ދަންވަރު ގުޅާނީ ބިޓެއް ނޫން އެހެން މީހެއްނޫނޭ" ޒައިނާ ވާހަކަދެއްކިއެވެ.

"އަސްލު އެހެން ދޯ ވާނީ. ބުނެބަލަ. އަނެއްކާ ޒައި..."

"އަހަރެންނަށް ގުޅައިގެން އުޅުނީ ނަދޫ. އޭނަ އެގުޅީ ލަންކާއިން. ހޮސްޕިޓަލުގައި އިންނަން ޖެހިގެން ވައިވެގެން" ޒައިނާ އިތުރަށް އޮޅުންފިލުވައިދިނެވެ. އަދި ކޮފީ ގިރަން ފެށިއެވެ.

"ބޭނުންތަ؟" ޒައިނާ ކޮފީއަށް އިޝާރަތް ކޮށްފައި ބުނެލިއެވެ.

"ޒައި ދީފިއްޔާ" އަބާން ބުނެލިއެވެ.

ދެކޮފީތަށި ހިފައިގެން ދެކުދިން އިށީނީ މޭޒު ކައިރީގައެވެ. އަބާނާ ޖެހިގެން އިށީނުމުގެ ބަދަލުގައި ޒައިނާ އިށީނީ އަނެއް ފަރާތުން އަބާނާ ދިމާލަށެވެ.

"ޒައި ކީއްވެ ނުނިދިގެން ތިއުޅެނީ؟" އަބާން ބުނެލިއެވެ.

"ފިލާވަޅެއް ނިންމީ" ޒައިނާ ބުނެލިއެވެ.

"ނޭނގޭ އެއްޗެއް އަހަރެން ކައިރީގައި މިހާރު ނުވެސްއަހާ. ހުރިހާ އެއްޗެއް އެނގެނީތަ މިހާރު" އަބާން ބުނެލިއެވެ.

"ކިޔައިދޭނެ މީހަކު އެބަހުރި. އައްކި ވަރަށް ހެލްޕްފުލް" ޒައިނާ ވާހަކަދެއްކިއެވެ. އަބާން ހީލުމަކުން ފުއްދާލައިގެން ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

"މާދަމާ ބޮޑު ދުވަހެއްނު. ޒައި ކިހާވަރަކަށް ރަން ކިޔަނީ" އަބާންގެ އަޑުގައިވަނީ ސަމާސާއެވެ.

"އެއް ރުފިޔާ" ޒައިނާ ބުނެލިއެވެ.

"ބޮޑު ކައިވެންޏެއް ކުރަންއުޅޭއިރު ޒައިގެ އަގަކީ އެންމެ ރުފިޔާއެއްތަ؟ ހާދަ ކުޑައޭ" އަބާން ބުނެލިއެވެ.

"އާނ. އަބީ ނޫން އެހެން މީހަކުނަމަ ތަންކޮޅެއް ބޮޑުވީސް. އަބީގެ ކުރިމަތީގައި އަހަރެންނަކީ ވެސް ހަމަ އެހާ ކުޑަ މީހެއްނު. އަދިވެސް އަހަރެންގެ ހިތެއް ނުބުނޭ އަބީ މި ކައިވެނި ކުރާނެއެކޭ" އެންމެފަހު ކޯވަރާއެކު ޒައިނާ ބުނެލިއެވެ. ޒައިނާގެ އެބަސްތަކަށް އިތުރަށް ދޭނެ ޖަވާބެއް އަބާނަށް ނޭނގުނެވެ. އޭނާގެ ހިތުގެ ހާލަތެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.

"އަބީ ނުދަންތަ؟ ކޮފީ ބުއި މަގު ދޮވެލާފައި ހަރުގައި އަޅުވައިލަމުން ޒައިނާ ބުނެލިއެވެ.

"ޒައި ދޭ. އަހަރެން ދާނީ ކުޑައިރުކޮޅަކުން" އަބާން ބުނެލިއެވެ.

"ގުޑްނައިޓް" ޒައިނާ ހިނގައިގަތެވެ.

ޒައިނާ ނުކުތް ދިމާލަށް ބަލަން އިން އަބާން އިނީ ވިސްނުމެއްގައެވެ. ފުރަތަމަ ލޯބި ހުށައެޅީ ޒައިނާއެވެ. އެ ލޯތްބަށް އޭނާ އިންކާރު ކުރީ އޭރު އޭނާގެ ހިތް އެހެން އަންހެން ކުއްޖެއްގެ ލޯބީގައި ދީވާނާ ވެފައިވުމުންނެވެ. ހާލަތު ބަދަލުވެފައި ވިޔަސް ދެވަނަ ފަހަރަށް އޭނާ ޒައިނާގެ ލޯތްބަށް އިންކާރު ކުރީ އަނާރަށް އޭނާގެ ހިތް ދެވިފައިވާތީއެވެ. މިހާރު އޭނާ ޒައިނާއާ ކައިވެނި ކުރަން ބޭނުން ވެގެން އުޅުނަސް އެކަން ޒައިނާއަށް ޤަބޫލު ނުކުރެވޭނެ ނޫން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ޒައިނާދެކެ އޭނާއަށް ލޯބި ނުވެވޭކަން އެއީ ޒައިނާއަށް އިނގޭނެ ހަގީގަތެކެވެ.

"އަހަރެން މިކައިވެނި ކުރާނަން. ކުރާނަން. ކުރާނަން" ހިތާހިތުން އަބާން ކިޔައިލިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ސުވާލެއްވިއެވެ. ޒައިނާ ދެންމެ އެވާހަކަތައް ދެއްކިއިރު ރައްދުގައި އެއްޗެއް ނުބުނެވުނީ ކީއްވެގެން ހެއްޔެވެ؟ ކޮފީތަށި ހުސްނުކޮށް އޭނާ ގޮނޑިން ތެދުވެގެން ހިނގައިގަތެވެ.

ކައިރި ރެސްޓޯރަންޓަކަށް އަނާރް ދިޔައީ އެކުގަ ޝުރޫކް ވެސް ގޮވައިގެންނެވެ. ޝުހޭލް އައިސްވަނީ އެ ދެމީހުން އެތަނުގައި ތިބޭތާ އިރުކޮޅެއް ފަހުންނެވެ. ދެކުދިން ތިބި މޭޒާ ދިމާލަށް ޝުހޭލް ދަނިކޮށް އޭނާ ހަރަކާތް ކޮށްލި ގޮތަކުން އެމީހުންނަށް ފާރަލާން ހުރި ރޯމަން ފެނިއްޖެއެވެ. ރޯމަން ކައިރީގައި ދެތިން ފިރިހެން ކުއްޖަކު ތިއްބެވެ. އެ ގުރޫޕުން ބަލަން ބޭނުންވަނީ ކޮންކަމެއްކަން ޝުހޭލްއަށް ނޭނގުނެވެ. ފިޔަވަޅުތަކަށް ލަސްކަމެއް އައިހިނދު ޝުހޭލް ވިސްނާލިއެވެ.

"އެމީހުން ބަލަން ބޭނުންވަނީ ހަގީގަތުގައި ވެސް އަހަރެންނާ އަނާރް އުޅެނީ މެރީކޮށްގެންތޯ ކަންނޭނގެ" ޝުހޭލް ހިތަށް އެރިއެވެ. ޝުހޭލް ލަސްލަހުން ޖީބުގައި އޮތް ފޯނު ނަގާފައި ޝުރޫކަށް މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. ދެ އަންހެން ކުދިންނާ އަރާ ހަމަވި ވަގުތު އަނާރް ޝުހޭލްއަށް ދިނީ ލޯބިން ފުރިގެންވި ހިނިތުންވުމެކެވެ. އޭނާ ޝުހޭލްއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އެހިނދު އެ އަތުގައި ހިފާ އަތްތިލައަށް ޝުހޭލް ބޮސްދިނެވެ. އޭނާ ގޮނޑީގައި އިށީނީ އެއަށްފަހުގަ އެވެ. އެއީ ހަމައެކަނި ރޯމަންގެ ލޯމަތީގައި ކުޅެލި ތަމްސީލެއްކަން އިނގެނީ އެތިން ކުދިންނަށް އެކަންޏެވެ.

މަގުމައްޗަށް ނުކުތް ގޮތަށް ރޯމަން ދެއެކުޅުގައި އަތް ވިއްދާލާފައި ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އަރާފައި ހުރި ރުޅިގަނޑުގައި ފާރުގައި ދެފަހަރަކު ފައިން ޖަހައިފިއެވެ. އަނާރް އުޅެނީ ޝުހޭލްއާ އިނދެގެންކަން ގަބޫލުކުރަން އޭނާ ބޭނުމެއް ނުވެއެވެ.

"ބަޑީ. އަހަރެމެންނަށް ފެންނަނީ ދެން ކޮންމެސް އެހެން ކަމަކާ އުޅެން. ދެމަފިރިން ދެމެދަށް ވަންނަނީ ކީއްކުރަން" އެތަނުން އެއްކުއްޖަކު ރޯމަންއަށް ބުނެލިއެވެ.

"އަހަރެން އަނާރް އެންމެ ރެއަކަށް ވިޔަސް ބޭނުން. އަހަރެންނަކީ ހިތުގަ އަޅައިފިކަމެއް ނުކޮށް ދޫކޮށްލާނެ މީހެއް ނޫން. އަހަރެންނަށް އެތައް އަންހެން ކުދިންނެއްގެ ބޭނުން ހިފިއްޖެ. ކާމިޔާބު ނުވެ އޮތީ ހަމައެކަނި އަނާރް. އަހަރެން ހުއްޓާލާނީ އަހަރެންގެ އަތްދަށަށް އެ އަންހެން ކުއްޖާ ގެނެވުނީމަ. މިހާރުވެސް އެ އަންހެން ކުއްޖާގެ ހަށިގަނޑު ހުންނާނެ ގޮތް އަހަރެންގެ ހިތަށް ސިފަވެފައި އަހަރެންނަށް އަމިއްލަ އިހުސާސްތައް ހިފަހައްޓާނުލެވޭ" ރޯމަން ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ޝުހޭލްއަށްޓަކައި ނަފްރަތުގެ އަލިފާން ކަނި ބުރަމުން ދިޔައެވެ.

"ސޮރީ. ވަރަށް ބޮޑަށް. އެކަމަކު އަރޫ އުޅެންޖެހޭނީ ވަރަށް ބަލައިގެން" ގޮނޑީގައި ހަމަޖެހިލާފައި ޝުހޭލް ބުނެލިއެވެ.

"އަހަރެންގެ ފަރާތުން ޝުހޭލް ތިބެދެމުންދަނީ ވަރަށް ބޮޑު މަޅިއެއްގަ. ސޮރީ" އަނާރް ބުނެލިއެވެ.

"ނޫން. އަހަރެންގެ ޝަކުވާއެއްނެތް. މިއީ ބެދޭނެ މަޅިއެއް ނޫން. އަހަރެމެންނަށް މިކަން ވަރަށް ރީތިކޮށް ކުރިއަށް ގެންދެވިދާނެ. އަރޫ، އަރޫގެ މަގާމުގައި ހުރެ. އަހަރެން، އަހަރެންގެ މަގާމުގައި ހުރެ. އަހަރެންނަށް އިނގޭ އަހަރެންދެކެ އަރޫ ފޫހިވާވަރު. އެކަމަކު ކިޔަވައި ނިމެންދެން އަރޫ އެބަޖެހޭ ހަމަޖެހިގެން މިތަނުގައި މަޑުކުރަން. އަހަރެން ހުންނާނީ އަރޫ ބެހެއްޓި ހިސާބެއްގަ. ކައިރިއަށް ވެސް ދުރަށް ވެސް އެންމެ ފިޔަވަޅެއް ވެސް ނާޅާނަން" ޝުހޭލް ވާހަކަދެއްކިއެވެ.

"އެކަމަަކު އަހަރެން ބުނެފާނަން މުހިންމު ވާހަކައެއް. އެކަން މިރެއިން މިރެއަށް ވެސް އެބަޖެހޭ ކުރަން. ރޯމަން އެ ހުންނަނީ ފުރުސަތަކަށް ބަލަން. މަށާ އަރޫއާ ގުޅުމެއް ނޯންނަކަން އިނގުނިއްޔާ އޭނަ އަރޫ ބްލެކްމެއިލް ކުރާނެ. އަރޫގެ ފަރާތުން އޭނާ ބޭނުން ވެގެން އެއުޅޭ ކަންތައް ކުރާނެ މަގު ކޮންމެސް ގޮތަކަށް އޭނަ ހޯދާނެ. އެހެންވީމަ އަރޫ ޖެހޭނީ އެއިން އެއްވެސް މީހެއްގެ ހިތުގަ ސުވާލު ނުއުފެދޭނެ ގޮތަކަށް އުޅެން" ޝުހޭލް ވާހަކަދެއްކިއެވެ.

"އަހަރެން ކޮންކަމެއް ކުރަންވީ؟" އަނާރް އެހިއެވެ. އޭނާ އިނީ ރޮވިފައެވެ. ހީވެސްނުކުރާ ގޮތަކަށް ކުއްލިއަކަށް އޭނާގެ ދިރިއުޅުން ބަދަލުވުމުން އޭނާ އިނީ އިންތިހާއަށް ދެރަވެފައެވެ.

"އެންމެފުރަތަމަ ކަމަކަށް އަރޫގެ ތި މޫނުމައްޗަށް އުފާވެރިކަން އެބަޖެހޭ ގެންނަން. ވިސްނަބަލަ ކައިވެންޏެއްކޮށް ފުރަތަމަ ދަރިފުޅަށް އަންހެނަކު ބަނޑުބޮޑުވީމަ އުފާވާނެވަރު. ދެވަނަ ކަމަކީ ޔޫވިކާ މެންނާ ބައްދަލުކުރާއިރު ނޭނގި ނަމަވެސް އެމީހުންނަށް ޝައްކެއްވާނެ ގޮތަކަށް ވާހަކަތައް ބަހައްޓައިގެން ނުވާނެ. ތިންވަނަ ކަމަކީ އެންމެ ބޮޑު ކަންތައް. އަރޫއަށް ވާނެތަ؟" ޝުހޭލް ވާހަކަދެއްކިއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އަނާރް ޝުހޭލްއަށް ބަލައިލިއެވެ.

"ކޮންކަމެއް؟ ކިތަންމެ އުނދަގުލަސް ޝުހޭލް ބުނި ގޮތަކަށް އަހަރެން ކަންތައް ކުރާނަން" އަނާރް ބުނެލިއެވެ.

"މިހާރު ތި ދެމީހުން ތިއުޅޭ ތަން ދޫކޮށްލާ" ޝުހޭލް ބުނެލިއެވެ. އަނާރްގެ މޫނުމަަތިން ޙައިރާންކަން ފާޅުވެލިއެވެ.

ތަންދޫކޮށްފަ އޭނާ ވަންނާނީ ކޮންތަނަކަށް ހެއްޔެވެ؟

"އޭރުން؟ އަހަރެން ހުންނާނީ ކޮންތަނަކު؟" މައުސޫމް ގޮތަކަށް އަނާރް ބުނެލިއެވެ.

"އަހަރެންގެ އަނބިމީހާ ހުންނަން ޖެހޭނީ އަހަރެން ހުންނަ ތަނެއްގަ ދޯ" ޝުހޭލް ބުނެލިއެވެ. އަނާރަށް ޖަވާބެއް ނުދެވުނެވެ. އޭނާ ތަން ދޫކޮށްލަން ހިތަށް ވެސް ނާރައެވެ. ޝުރޫކް އަނާރަށް ބަލައިލިއެވެ. އޭނާގެ އެ ހިމޭންކަން ޝުރޫކަށް ކަމުނުދިޔައެވެ. ދެން އޭނާ ބަލައިލީ ޝުހޭލްގެ މޫނަށެވެ. އަދިވެސް ޝުހޭލް އިނީ އަނާރްގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝުހޭލްގެ ވާހަކަތަކުގައި އެއްވެސް ސަމާސާއެއް އެކުލެވިގެން ނުވާކަން ޝުރޫކަށް އިނގުނެވެ. އަނާރް ވިސްނާލައިފިނަމަ ޝުހޭލްގެ ވާހަކަތަކުގައި އެކުލެވިގެންވި ސީރިޔަސްކަން އޭނާއަށް އިނގުނީހެވެ.

"މާދަމާ ޔުނިވާސިޓީއަށް އަހަރެމެން ދާނީ އެއްޗެހި ޕެކް ކޮށްފަ. އެހެންވީމަ މާދަމާ ކްލިނިކަށް ނުދާނަން. އަހަރެމެން ރެޑީ" ޝުރޫކް ބުނެލިއެވެ. އަނާރް ހައިރާންކަމާއެކު ޝުހޭލްގެ މޫނަށް ބަލައިލިއެވެ. އަނާރް އެއްޗެއް ބުނުމުގެ ކުރިން ޝުރޫކް އަނާރްގެ އަތްތިލައިގައި ހިފައިފިއެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އަނާރް އިސްޖަހާލައިފިއެވެ.

ބޮޑުތަކުރުފާނު މަގުން އާކާޝްއާއެކުގައި ޒައިނާ ނުކުތީ ކޮލެޖް ނިމުނު ގަޑީގައެވެ. ދެކުދިން އެއްކޮށް މިސްރާބު ޖެހީ ލޮނުޒިޔާރަތް ޕާކާ ދިމާލަށެވެ.

"ޓެކްސީއެއް ނަގަންވީނުން" އަކާޝާ ބުނެލިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ދެފަރާތު ވާގަނޑުގައި ހިފަހައްޓައިގެން ހުރިގޮތުން އާކާޝްއަށް ހީވީ ޒައިނާ ވަރުބަލިވެފައިހުރި ހެންނެވެ.

"ނޫނޭ. ހިނގާލާފަ ދާނީ. ހަވީރަށް އައްކިގެ ސައިކު ލިބޭނެއްނު" ޒައިނާ ބުނެލިއެވެ.

"ކޫބެ ކައިރީގައި ބުނެގެން ކާރު ވެސް ގެނެވިދާނެ" އާކާޝް ބުނެލިއެވެ.

"އަހަރެން ވަރުބައްޔެއް ނުވޭ. އައްކި ވަރުބަލިވަންޏާ މިތަނުން ޓެކްސީއެއް ހުއްޓުވައިގެން އަރާބަލަ" ހީލަމުން ޒައިނާ ބުނެލިއެވެ. ޒައިނާގެ އެ ސަމާސާ އިން އާކާޝްއަށް ހެވުނެވެ. އެކުގައި ހިނގާފައި ދާއިރު އޭނާއަށް އިރުކޮޅަކާ ޒައިނާގެ މޫނަށް ބަލައިލައެވެ. އެކަން ޒައިނާއަށް ފާހަގަވާތާ އިރުތަކެއް ވެއްޖެއެވެ.

"އައްކި ހާދަ ވަރަކަށް ތިބަލަނީ" އެންމެފަހުން ޒައިނާ ބުނެލިއެވެ.

"ނޫން. ނުބަލަން. ޒައި ކީއްވެ ތިހެން ތިބުނީ؟" އާކާޝް ބުނެލިއެވެ.

"ހަތް ދުވަސް ފަހުން ކައިވެނި ކުރެވޭނެ. ހަމަ އަސްލަށް ވެސް އަހަރެންގެ ކައިވެނި އަބީއާ ކުރެވެނީތަ؟" ޒައިނާ ބުނެލިއެވެ.

"ޔަގީނެއްނު. ޒައިއަށް ޒައި އެންމެ ލޯބިވާ މީހާ ލިބެން އޮތީ އިނގިލިން ގުނާލެވޭހާ މަދު ދުވަސްކޮޅެއް" އާކާޝް ބުނެލިއެވެ.

"އެކަމަކު ... ނޭނގެ ވާގޮތެއް. ކީއްވެތަ އަހަރެން އުފާނުވަނީ" ޒައިނާ ބުނެލިއެވެ. އާކާޝްގެ ފިޔަވަޅުތަކަށް ލަސްކަމެއް ޒައިނާގެ އެ ޖުމްލައާއެކު އަތުވެއްޖެއެވެ.

"އުފާނުވެޔޭ. އެހެންވީމަ ކީއްކުރަން ކުރާ ކައިވެންޏެއް. ޒައި މިހާރު ލޯބިނުވަނީތަ އަބާންދެކެ" އާކާޝް ވާހަކަދެއްކިއެވެ.

"ނޫން. އަހަރެން އަބީދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އެކަމަކު ހިތަށް އަރަނީ ހުރިހާ ކަމެއް ވަަމުންދަނީ މާ އަވަހަށޭ" ޒައިނާ ބުނެލިއެވެ.

"ޒައިއަށް ހީވޭތަ އަބާން ޒައިއަށް ލޯބިދޭނޭ. އޭނަ ޒައި ގޮވައިގެން އުޅޭނޭ" އާކާޝްގެ އެ ޖުމްލައާއެކު ޒައިނާ އާކާޝްއަށް ބަލައިލިއެވެ. ކައިވެނީގެ ވާހަކަ ދެކެވެން ފެށުނު ފަހުން އެވަރަށް ވެސް އާކާޝް އަބާންގެ ވާހަކަދައްކާފައެއް ނެތެވެ.

"އޭނަ ބުނި. ކައިވެންޏަށްފަހު އަހަރެން ޖެހޭނެ ދޯ އޭނައަށް އިތުބާރު ކުރަން. އޭރުން ދޯ އުޅެވޭނީ. އަހަރެންގެ ފަރާތުން ހަންޑްރެޑް ޕަސެންޓް ދޭނަން. އެކަމަކު އޭނަގެ ގޮތެއް ނޭނގޭ. އިނގޭތަ އޭނަގެ ގާރްލްފްރެންޑާ މައްސަލަ ޖެހިގެން ރުޅިވީ ވަރަށް ފަހުން. އޭގެފަހުން އަހަރެންނާ އިންނަން ބޭނުންވެގެން އެ އުޅެނީ" ޒައިނާ ވާހަކަދެއްކިއެވެ. އާކާޝް ޙައިރާންވިއެވެ. ޒައިނާ އެބުނީ އަދި އޭނާއަށް ނޭނގޭ ވާހަކައެކެވެ.

"އަހަރެންނަކަށް ހިއެއްނުވޭ ...." އާކާޝްއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"އަހަރެން އަބަދުވެސް ޒައިއަށް ހެޔޮ އެދޭނަން. އެކަމަކު ދުވަހެއްގައި ވެސް އަބާންގެ ފަރާތުން ދެރަވާ ކަމެއް ވެއްޖިއްޔާ އަހަރެންނަށް ޝެއާ ކުރައްޗޭ. އަހަރެން އަބަދުވެސް ޒައިއަށް ހިޔާލުދޭނަން" އާކާޝް ވާހަކަދެއްކިއެވެ. ޒައިނާ ބޯޖަހައިލިއެވެ.

ޝުހޭލް އެދުނު ގޮތަށް އަނާރާ ޝުރޫކް އޭނާ އުޅޭ އެޕާޓްމަންޓަށް ބަދަލުވިއެވެ. އެއްޗެހި ބަދަލުކުރުމުގައި އެ ދެކުދިންނަށް ޝުހޭލް އެހީތެރިވިއެވެ. ހަތަރުކޮޓަރި ހުންނަ އެ އެޕާޓްމަންޓުގައި އަނާރާ ޝުރޫކަށް ދިނީ އެއްކޮޓަރިއެވެ. އެގެއަށް އަނާރާ ޝުރޫކް ބަދަލުވިކަން އެގޭ އެއްވެސް މީހެއް ކައިރީގައި ޝުހޭލް ނުބުނެއެވެ. އިރުކޮޅަކުން ރުޝްދާ ސަބީހާ ގޮވައިގެން ގެއަށް އަންނަންދެން ޝުހޭލް ބޭރު ސޯފާގައި މަޑުކޮށްލައިގެން އިނެވެ. އޭނާ ނިންމާ ނިންމުމަކަށް އެއްވެސް މީހަކު ފާޑެއް ނުކިޔާނެކަން އޭނާއަށް ޔަގީންވެއެވެ.

ދޮރުހުޅުވާލި އަޑަށް ޝުހޭލް ބަލައިލިއެވެ. އޭރު ސަބީހާ އަތުލަފިކޮށްލައިގެން ރުޝްދާ ވަންނަނީއެވެ. ޝުހޭލް ކޮޅަށް ތެދުވެލިއެވެ. އަދި ރުޝްދާއަށް ފަސޭހަވާނޭހެން ބޮޑަށް ދޮރު ހުޅުވައިދިނެވެ.

"ކީއްކުރަން އެހާ އަވަހަށް އަންނަން ބުނީ؟" އަތުގައި ހުރި ކޮތަޅުތައް ޝުހޭލް އަތަށް ދިއްކޮށްލަމުން ރުޝްދާ ބުނެލިއެވެ.

"އެއީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" ޝުހޭލް ބުނެލިއެވެ.

"މަންމަ ކޮޓަރިއަށް ގެންގޮސްފަ ދޮންތަ ނަމާދުކޮށްގެން އައިއްޔާ ލަސްވާނެތަ؟" ރުޝްދާ އެހިއެވެ.

"އުނހު. އޯކޭވާނެ. މަޑުކޮށްލާނަން މިތާ" ޝުހޭލް ބުނެލިއެވެ.

މާ ގަހަކުން ނައްޓާލި ހުސް ފިޔާތޮށި ކުލަ އެކުލެވޭ މަލެއް ޒައިނާ އަތަށް ދީފައި ބެންޗުގައި އާކާޝް އިށީނެވެ. އަދި ޖީބުގައި އޮތް ފޯނު ނަގާފައި ދެކުދިން އެކު ސެލްފީއެއް ނެގިއެވެ.

"އަހަރެން ކައިރީގައި ވައުދެއްވާން ކެރޭނެތަ؟" އަކާޝް އެހިއެވެ. ޒައިނާ ދެލޯ ވަށްކޮށްލާފައި އާކާޝްއަށް ބަލައިލިއެވެ.

"ކެރޭނެ. އެކަމަކު އަހަރެންނަށް ފުއްދޭވަރުގެ ވައުދަކަށް ވާންޖެހޭނެ" ޒައިނާ ބުނެލިއެވެ.

"ކައިވެންޏަށްފަހު އަބާން ޒައިގެ އަތުން ދޫކޮށްލިއްޔާ އަހަރެން ކައިރިއަށް އަންނާނެ ކަމަށް. އެހެން މީހެއް ކައިރިއަށް ނުދާނެ ކަމަށް" އާކާޝް ބުނެލިއެވެ. ޒައިނާ އާކާޝްގެ މޫނަށް ބަލައިލިއެވެ.

"އައްކި އަދިވެސް...."

"މުޅި އުމުރަށް. އަހަރެންގެ ފުރާނަ ހަށިގަނޑާ ވަކިވުމާ ހަމައަށް. ދުވަހަކު ވެސް ތިނޫން އެހެން އަންހެނެއް ބޭނުމެއް ނޫން" އާކާޝް ބުނެލިއެވެ. އޭނާ ޒައިނާއަށް ޖަވާބުދިނީ ދުރު ބަލަހައްޓައިގެން އިނދެއެވެ. ޒައިނާގެ ފަރާތުން ޖަވާބެއް ނައުމުން އާކާޝް ބަލައިލިއެވެ. އެހިނދު ދެކުދިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވެލިއެވެ. ދެކުދިންގެ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ބަސްމޮށުންތެރިކަމަކާ ނުލާ އެތައް ވާހަކައެއް ދައްކައިފިއެވެ.