ޚަބަރު

ކޮކާކޯލާގެ ތައުޒިޔާ ޑރ. އިބްރާހިމް އުމަރު މަނިކުގެ އާއިލާއަށް

އަލީ ޔާމިން

ކޮކާކޯލާގެ އެމްބެސެޑަރު، ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވުމުން އެ ކުންފުނިން ޑރ. އިބްރާހިމް އުމަރުގެ އާއިލާއަށް ތައުޒިޔާ ކިޔައިފި އެވެ.

ކޯކާކޯލާ ކުންފުނިން ޑރ. އިބްރާހިމް އުމަރުގެ އާއިލާއަށާއި ގާތް އެންމެހާ ބޭފުޅުންނަށް ފޮނުވި ތައުޒިޔާގެ މެސެޖުގައި ބުނީ އޭނާ އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށާއި އޭނާއަކީ ވަޑައިގެންނެވި ކޮންމެ ތަނަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށެވެ.

ޑރ. އިބްރާހިމް މަނިކަކީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށާއި އޭނާއަކީ އެތައް ރައްޔިތުންނަކާއި ވިޔަފާރިތަކެއް ކުރިއަރައިގެން ދިއުމަށް މަގުކޮށައި ދެއްވި ހިތްހެޔޮ ބޭފުޅެއް ކަމަށް ވެސް މެސެޖުގައި ބުންޏެވެ.

ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 68 އަހަރެވެ.

އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލުގެ ސީނިއާ ހައުސް އޮފިސާ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލުގެ ވަޒީފާ އިން 21 އޭޕްރިލް 1988ގައި ވަކިވެ ވަޑައިގެންނެވި އިރު ހުންނެވީ ސީނިއާ ރަޖިސްޓްރާ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.

އޭގެ އިތުރުން ޑރ. އިބްރާހީމް އުމަރު މަނިކަކީ ޔުނިވާސަލް އެންޓަޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީ ވެސް އިބްރާހީމް އުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެނައުމުގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.