ސްޕެނިޝް ލަލީގާގައި ރޭ އަލާވޭސްއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗުން ބަލިވިއިރު، އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.
ރެއާލް އިން ހޯމްގައި ރޭ ކުޅުނު މެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް އަނިޔާ ވެ، އޭނާ ވަނީ ބަދަލުކޮށްފައެވެ.
މި ސީޒަން ފެށިއިރުވެސް އަނިޔާގައި ހުރި ހަޒާޑް ރޭގެ މެޗު ފަށާފައިވާއިރު، އެ މެޗަކީ ލީގުގައި ހަޒާޑް ފެށި ތިންވަނަ މެޗެވެ. ކޮވިޑް 19 ޖެހިގެންވެސް ހަޒާޑަށް މެޗުތަކެއް ގެއްލިފައިވާއިރު، އޭނާ މި ސީޒަންގައި މިހާތަނަށް ކުޅެފައި ވަނީ ހަތަރު މެޗެއްގައެވެ.
2019 ވަނަ އަހަރު ހަޒާޑް 150 މިލިއަން ޕައުންޑަށް ޗެލްސީން ރެއާލް އަށް ބަދަލުވިފަހުން އޭނާއަށް އަނިޔާގެ މައްސަލަތަކުގެ އިތުރުން ފިޓްނަސް މައްސަލަތައްވެސް ދިމާވެފައި ވެއެވެ. މިދިޔަ ދެ ސީޒަންގައި ހަޒާޑްގެ ފަރާތުން އޭނާ ޗެލްސީގައި ދައްކަމުން އަންނަ ކުޅުން ފެނިފައި ނުވާއިރު، އޭނާ ކުޅެފައި ވަނީވެސް އެންމެ 27 މެޗުގައެވެ.
ރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކަރިމް ބެންޒެމާވެސް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. އެ ދެކުޅުންތެރިން ނެތްތަން ދައްކާފައިވާއިރު، މެޗުގެ ފަސްވަނަ މިނެޓުގައި އަލާވޭސް އިން ވަނީ ލީޑުވެސް ނަގައިފައެވެ. ލޫކާސް ޕެރޭޒްގެ ޕެނަލްޓީން އެ ޓީމު ލީޑު ނަގައި، ދެވަނަ ހާފްގެ ކުރީކޮޅުގައި ލީޑު ފުޅާވެސް ކުރިއެވެ. ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޝުއާގެ ގޯހެއްގެ ބޭނުން ހިފައި އަލާވޭސްއަށް ދެވަނަ ގޯލް ޖަހައިދިނީ ހޮސެލޫއެވެ.
ރެއާލްގެ ގޯލް މެޗު ނިމެން ދަނިކޮށް ކަސަމޭރޯ ޖަހާފައިވާއިރު، ރެއާލް އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ހަތަރު ވަނައިގައި އެޓީމު އޮތްއިރު، އެޓީމަށް 10 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު