ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ކ. ރަށްފަޅުހުރާގައި ބިދޭސީން މިއަދު ހަމަނުޖެހުން ހިންގީ ކޮވިޑް ފެތުރޭތީ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުން ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅުހުރާގައި މަސައްކަތް ކުރާ ބިދޭސީންގެ މެދުގައި ހިންގި ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިންގާފައިވަނީ ކޮވިޑާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުން މުވައްޒަފުންނަށް ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަމާމެދު ހިތްހަމަ ނުޖެހިގެންކަން މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުން ނިންމާފައިވާއިރު، އެރަށުން މިހާތަނަށް 200 އެއްހާ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރަށްފަޅުހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަށްފަޅުހުރާ ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ރިޒް ކާޓަން އާއި ކަޕެއްލާ ހޮޓެލްސް އަދި ޕަޓިނާ ހޮޓެލްސް އިންނެވެ.