ކޮވިޑް-19ގެ ސަބަބުން އޯއައިސީގައި ހިމެނޭ ކުދި ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތައް ބޮޑު ކަމަށާއި އެގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު އެކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

"ސުލްހަ އާއި ތަރައްގީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މި ޝިއާރުގެ ދަށުން ނީޖާގެ ވެރިރަށް ނިއާމޭގައި ކުރިއަށްދާ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯއައިސީގެ މެންބަރު 57 ގައުމުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެ ޖަމިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމު އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ކޮވިޑުގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ބަޔާންކުރައްވައި ސިއްހީ، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއަށް ކޮވިޑުގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހުނު އުނދަގޫ އެތައް ފިޔަވަޅު ތަކެއްގެ ސަބަބުން އިގްތިސާދަށް އޭގެ އަސަރުކޮށްފައިވާކަން ފާހަގަަކުރެއްވި އެވެ.

އެގޮތުން ކޮވިޑާ ހެދި އޯއައިސީގައި ހިމެނޭ ކުދި ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވައި، އެގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޝާހިދު ގޮވާލެއްވި އެވެ. އަދި ސައޫދީ އަރަބިއްޔާގެ ރިޔާސަތުގައި ޖީ-20ގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމުގެ ފްރޭމްވޯކްއާ ހަމަޔަށް ދިޔުމާ ގުޅިގެން އެކަމަށް މިނިސްޓަރު މަރުހަބާ ވިދާޅުވި އެވެ.

އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝާހިދު ވަނީ، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތް ކުރުމަށާއި އިސްލާމްދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ގޮވާލައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރު ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ތަކުރާރު ކުރައްވައި މިނިސްޓަރު ޝާހިދު ވަނީ، މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުން އަންނަ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ކޯޓުގައި ދަ ގެމްބިއާއާއެކު ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު ވާހަކަދެއްކެވި އެވެ.