ދުނިޔެ

ގްރެމީ އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ކޭޕޮޕް ބޭންޑަކަށް ބީޓީއެސް

މުހައްމަދު އައުޒަމް

ގްރެމީ އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ކޭޕޮޕް ބޭންޑަކަށް ސައުތް ކޮރެއާގެ ބޮއީ ބޭންޑް، ބީޓީއެސް ހިމެނިއްޖެ އެވެ.

ގްރެމީ އެވޯޑްގެ ބެސްޓް ޕޮޕް ޑުއޯ ނުވަތަ ގުރޫޕް ޕާފޯމެންސް ކެޓަގަރީއަށް ނޮމިނޭޓް ވެފައިވަނީ ބީޓީއެސްގެ ހަމައެކަނި އިނގިރޭސި ލަވަ، "ޑައިނަމައިޓް" އެވެ. މިއަހަރުގެ އޮގަސްޓް ކުރީކޮޅު ރިލީސްކުރި، "ޑައިނަމައިޓް" ވަނީ ބިލްބޯޑްގެ އެންމެ ކުރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިމެނިފަ އެވެ.

ބީޓީއެސް އިން ވަނީ ގްރަމީން އެކަން އިއުލާންކުރި ވަގުތު ބޭންޑުގެ މެމްބަރުން އުފާފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ޓުވީޓް ކޮށްފައެވެ.

ދުނިޔޭގެ މިއުޒިކްގެ އެންމެ ބޮޑު އިވެންޓް ގްރެމީ އެވޯޑް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 31 ގައެވެ.