ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ބިލުގައި އަގަށް އެސައިންމެންޓް ހަދައިދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެކަން ގާނޫނީ ކުށަކަށް ހެދުމަށް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަގަށް އެސައިންމެންޓް ހަދައިދޭ މައްސަލަ މިނިސްޓްރީއަށް ފާހަގަކުރެވިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މިހާރު އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ވެސް ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު މަޖިލީހުގައި އެވާ މަތީ ތައުލީމާބެހޭ ބިލުގައި ތިޔަ ވިދާޅުވި ގޮތަށް (އަގަށް އެސައިންމެންޓް ހަދައިދިނުން) އެއީ ކުށެއް ކަމުގައި ގާނޫނުގައި ލިޔަން އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަގަށް އެސައިންމެންޓް ހަދައި ދިނުން ގާނޫނީ ކުށަކަށް ވުމުން، އެކަން ހުއްޓުވަން ބާރު ލިބި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅި، އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެއީ ފެންވަރު ކަށަވަރު ކުރުމަށްޓަކައި ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

އެފަދަ މައްސަލަތަކަށް ކޮލެޖުތަކުން ވެސް ހައްލެއް ހޯދަން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ދަށްވެގެންދާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ކޮލެޖުތަކާއެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ވެސް ޑިމާންޑެއް އޮންނާތީވެ ކޮންމެ ވެސް ބަޔަކު ވިޔަފާރީގެ އުސޫލުން ތިކަން ކުރަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިނގާ ކަމަކަށްވާތީވެ، ރާއްޖެއަށް ތިކަން ތައާރަފު ވެގެން އުޅޭ ކަމަށް އަޅުގަނޑު ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަގަށް އެސައިންމެންޓް ހަދައިދޭ މައްސަލަ ގާނޫނީ ކުށަކަށް ހަދަން ހުށަހަޅާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ އެކަން ސަމާލު ކަމަށް ގެންނަވައިފަ އެވެ. އެގޮތުން އަގަށް އެސައިމެންޓު ހަދައިދޭ ކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެއް ފޭސްބުކްގައި ޝެއާ ކުރައްވައި އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.