ހއ. ހޯރަފުށީ އެއާޕޯޓަކީ ހިދުމަތަށް ފައްކާވެފައި އޮތް އެއާޕޯޓެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަމަކަށް ކަމެއް ނުކުރާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަކީ ބިން ހިއްކައިގެން ރާއްޖޭގައި އެންމެ އަވަހަށް މަސައްކަތް ނިންމާލި އެއާޕޯޓު ކަމަށާއި އެއީ ހޯރަފުށީގެ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ފަހުރެއް ކަމަށެވެ.

ސަލީމް ވިދާޅުވީ، މީގެ ކުރިން ރައްޔިތުންނަށް ދެއްކުމުގެ ގޮތުން މަސައްކަތް އެއްކޮށް ނުނިމެނީސް ބައެއް އެއާޕޯޓުތައް ހުޅުވި ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން ނަމަކަށް ކަމެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ބައެއް އެއާޕޯޓުތައް ހުޅުވިގެން ދިޔަ ގޮތް. އަޅުގަނޑުމެން ހަމަ ދާދި އެއް މޫސުމެއްގައި އެއާޕޯޓެއް ހުޅުވިގެން ދިޔަ މަންޒަރު ދުށީމު. ތިބޭފުޅުންނަށް އެނގޭނެ ވެހޭ ވާރޭތެރޭ، ނުހިކޭ ކިސަޑުގަނޑުތެރޭ ބަލާ މީހުން މޭބޮޑުވާ ގޮތަކަށް މި ސަރުކާރުން އެއާޕޯޓެއް ނުހުޅުވާނެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ މިއަދު ރައީސް އިފްތިތާހުކޮށްދެއްވި އެއާޕޯޓަކީ، މާދަމާ ހިދުމަތަށް ދޮންވެ ފައްކާވެފައިވާ އެއާޕޯޓެކޭ." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ރައީސް ސޯލިހަކީ ވައުދު ފުއްދަވާނެ ރައީސެއްކަން ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރުގައިވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ރައީސްގެ ހިކުމަތްތެރިކަމުގެ މިސާލެއް ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއާޕޯޓު ހުޅުވުމުގެ ކުރިން މި މަހުގެ 16 ވަނަ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވެސް ވަނީ ޖައްސައިފައެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން މިއަދަށް ފަސްކުރީއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އެއާޕޯޓު ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައި ވާއިރު، ހަފްތާއަކު ތިން ދަތުރު އެ ރަށަށް ކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ.

އެއާޕޯޓު ހެދުމަށް ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.