އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) އިން މިއަދު ބޭއްވި ވެބިނާއެއްގައި ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން ނުވަތަ ރޫރަލް ޓޫރިޒަމް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އައިއެމްޓީއެމް އިން މިއަދު ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރި މި ވެބިނާގައި ރާއްޖޭގެ އިތުރުން މެލޭޝިއާ، ޗައިނާ އަދި ބޫޓާނުން ވަނީ ބައިވެރިވެފައެވެ.

ރޫރަލް ޓުއަރިޒަމަކީ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެއްގެ އާދަކާދަތަކާއި، ސަގާފަތުގެ އިތުރުން އެގައުމުގެ ދަނޑުވެރިކަން ފަދަ ކަންކަމުގައި އަމަލީގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ފަތުރުވެރިޔާއަށް ލިބިގެންދާ، ފަތުރުވެރިކަމުގެ ބާވަތެކެވެ. އެގޮތުން މިއަދުގެ ވެބިނާގައި މެލޭޝިއާ، ޗައިނާ އަދި ބޫޓާނުގެ ރޫރަލް ޓުއަރިޒަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ވެބިނާ ފައްޓަވައިދެއްވީ އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދެވެ. މި ވެބިނާ ހުށަހަޅުއްވައިދެއްވީ ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭނަޝްގެ އޭޝިއާ ރީޖަންގެ ކުރީގެ ޑިރެކްޓަރު ޒޫ ޒިންގް އެވެ. އެއަށްފަހު، މޯލްޑިވްސް ޕާޓާ ޗެޕްޓާގެ ޗެއާމަން އަބްދުﷲ ގިޔާސް ވަނީ ކޮމިއުނިޓީ ޓުއަރިޒަމް ޑިވަލޮޕްމަންޓާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.

ގިޔާސްއަށް ފަހު މެލޭޝިއާގެ ޓުރައިޒަމް މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޓޭން ސްރީ ޑރ. އޮންގް ވަނީ މެލޭޝިއާގެ ހޯމްސްޓޭ އިނީޝިއޭޓިވްއާ ގުޅޭ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައިފަފައެވެ. އަދި އެއަށްފަހު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ނައިބު ރައީސް ސަމީއު އިމާދު ވަނީ ރާއްޖޭގައި ގެސްޓްހައުސް ޓުއަރިޒަމް ކުރިއަށްދާ ގޮތުގެ ހުލާސާއެއް ހުށަހަޅުއްވައި، ސަގާފީ ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ކުރިއެރުމަށް އަލިއަޅުއްވައިލައްވައިފައެވެ.

މީގެ އިތުރުން ބޫޓާންގެ ޓުއަރިޒަމް ކައުންސިލުގެ ޓުއަރިޒަމް ޕްރޮމޯޝަން ޑިވިޝަންގެ ހެޑް ޑަމްޗޯ ރިންޒިން ވަނީ ލޯކަލް ޓުއަރިޒަމްގެ ސަބަބުން އާންމުންނަށް ކުރާ އަސާރާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އަދި ވެބިނާގައި އެންމެ ފަހުން ވާހަކަދެއްކެވި މޮނިޓަރިން ސެންޓާ އޮފް ޔޫއެންޓީއޯގެ އެސިސްޓަންޓް ޑިރެކްޓަރު ޖިއަންގް ޖިއާވެއި ޗައިނާގައި ރޫރަލް ޓުއަރިޒަމް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދެއްކެވިއެވެ.