މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އިން "ގައުމުގެ ދުލުން"ގެ ނަމުގައި ބާއްވާ ގައުމީ ލަވަ މުބާރާތަށް ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

އެމްއެމްއޭސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތް ރަމީޒާ، އަބްދުލް ސަމީއު، އަދި މަޖީދު އިސްމާއިލް އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބާއްވާ މި ލަވަ މުބާރާތަކީ ޔޫތު މިނިސްޓްރީ އާއި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީ އަދި ވީޓީވީގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ބާއްވާ މުބާރާތެކެވެ. ހަ އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ލަވަ މުބާރާތުގެ މަގުސަދަކީ ގައުމީ ޝިއާރު ފާޅުކުރުމާއި ގައުމިއްޔަތުގެ އިހުސާސް ކޮށްދޭ ލަވަތަކެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލުމެވެ.

އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލް ކަރީމް ވިދާޅުވީ މި މުބާރާތް ވެގެންދާނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާ ލަވަތަކެއް ހިމެނޭ، އުމުރުފުރާތަކުގެ މެދުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެއް ކަމަށެވެ.

  • 8 އަހަރުން ދަށް
  • 11 އަހަރުން ދަށް
  • 13 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 18 އަހަރުން ދަށް
  • 18 އަހަރާއި 35 އަހަރާ ދެމެދު

"މިމުބާރާތް ވެގެންދާނީ ގައުމީ ޖޯޝާއި ރޫހު އާލާ ކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރަކަށް. މި މުބާރާތުގެ ކޮންމެ ލަވައެއް ވެސް ޝަރަހަ ކުރެވި މާނަ އާއި މެސެޖުން ގައުމީ ޖޯޝާއި ރޫހު އާލާވެގެންދިއުން ވަރަށް މުހިންމު. ލަވަ ވާން ޖެހޭނީ މި މަގުސަދުގައި މި މުބާރާތަށް ހާއްސަކޮށްގެން ހެދިފައިވާ ލަވައަކަށް. ކޮންމެ ލަވައަކުން ވެސް ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކޮށްދޭ ފަހި މެސެޖުތަކެއް ދެވިގެންދާނެ. މުބާރާތުގެ މައިގަނޑު މައުލޫއާ ތައާރަޒުވާ އެއްވެސް ކަމެއް ނުހިމެނޭނެ. ލަވައިގެ ޅެން، ލަވަކިޔުމުގެ ކުރިން ފަނޑިޔާރުން ފާސްކުރާނެ." އަބްދުލް ކަރީމް ވިދާޅުވި އެވެ.

މި މުބާރާތުގެ އޮޑިޝަން އިއްޔެ ނިންމާލައިފައިވާއިރު އޮޑިޝަނުން ހޮވާލެވުނު 50 ބައިވެރިން މުބާރާތުގައި ލަވަ ކިޔާނެ އެވެ. މުބާރާތުގެ ޝޫޓިން އޮންނާނީ މިމަހުގެ 27 އަދި 29 ވަނަ ދުވަހު ވީޓީވީގެ ސްޓޫޑިއޯގައެވެ.

މި މުބާރާތުގައި ކޮންމެ އުމުރު ފުރާއަކުންނާއި ޖޫނިއާ ގްރޫޕުންނާއި ސީނިއާ ގްރޫޕުން އެންމެ މޮޅު ތިން ލަވަކިޔުންތެރިން ހޮވާނެ އެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ތިން ލަވަކިޔުންތެރިން ވެސް ހޮވަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން މުޅި މުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ލަވަކިޔުންތެރިން ވެސް ހޮވާއިރު، އެ ލަވަކިޔުންތެރިން ހޮވާނީ ބެލުންތެރިންގެ ވޯޓުންނެވެ.