ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ޕީއެސްޖީއަށް ބޭނުން ވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނޫން ކަމަށާއި، ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ކަމަށް ޕީއެސްޖީއަށް ކުޅުނު އެރިކް ރަބެސަންޑްރަންޓާނާ ބުނެފިއެވެ.

1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ޕީއެސްޖީއަށް ކުޅުނު ރަބެސަންޑްރަންޓާނާ ބުނެފައި ވަނީ ޕީއެސްޖީގެ ސްކޮޑު މިހާރު އޮތް ދަރަޖައިން، އާ އުސްމިނަކަށް ގެންދިޔުމަށް ކަންޓޭ އެހީވާނެ ކަމަށެވެ.

"އަހަންނަކީ ޕީއެސްޖީގެ ވެރިއެއް ނަމަ، ފައިސާކޮޅު ހަރަދު ކުރާނީ ކަންޓޭ ގެންދަން. ފްރާންސުން އެންމެފަހުން ކުޅުނު މެޗުގައިވެސް ކަންޓޭގެ ދައުރު އިންތިހާއަށް ބޮޑު. ކަންޓޭއާއެކު ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ. މެސީއެއް ނޫން. އަދި އެހެން ކުޅުންތެރިއެއްވެސް ނޫން ބޭނުންވަނީކީ،" ރަބެސަންޑްރަންޓާނާ ބުނެފައިވެއެވެ.

ކަންޓޭ މިވަގުތު ހުރީ ޗެލްސީގެ ކޮންޓްރެކްޓުގައެވެ. 2023 ވަނަ އަހަރާ ހަމައަށް ކަންޓޭ ޗެލްސީއާއެކު އެއްބަސްވެފައިވާއިރު، އެންމެފަހުން ލީގުގައި ޗެލްސީން ޝެފީލްޑްޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޯޗު ފްރޭންކް ލެމްޕާޑުވެސް ވަނީ ކަންޓޭގެ ކުޅުމަށް ތައުރީފު ކޮށްފައެވެ.

ބާސާއާއި މެސީއާ ދެމެދު މިދިޔަ ސީޒަނަށްފަހު މައްސަލަތަކެއް ޖެހިފައިވާއިރު، މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އެކަމަށް ފައިސާ ހުރި ބޮޑެތި ކްލަބުތަކުން ފާރަލަމުން އަންނައިރު، ޕީއެސްޖީއަކީ މެސީއަށް ފާރަވެރިވާ އެއް ކްލަބެވެ. މެސީގެ ބޮޑު މުސާރަ ދެވޭނެ މަދު ކްލަބުތަކުގެ ލިސްޓްގައިވެސް ޕީއެސްޖީ ހިމެނޭ ނަމަވެސް، މެސީގެ އެޖެންޓް އަދި ބައްޕަ، ޖޯޖު މެސީ ވަނީ ދާދިފަހުން މެސީ ޕީއެސްޖީއަށް ދާން އުޅޭ ވާހަކަތައް ފާޅުގައި ދޮގު ކޮށްފައެވެ.