ކޮވިޑާ ގުޅިގެން ގުރުއާން ކުލާސްތަކާއި ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކާއި ކޮމިއުނިޓީ ޕްރީސްކޫލުތަކަށް ޒަކާތު ފަންޑުން ދިނުމަށް ކަނޑައެޅި 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ފައިސާގެ އެހީ ހަވާލުކޮށްފައިވާ ކަމަށެވެ. އެހީ ދޭނޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލުގައިވާ ގޮތުގެ މަތީން އެންމެ ގިނަ މާކްސް ލިބުނު ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ 25 ޕްރީސްކޫލަކަށާއި 23 ގުރުއާން ކުލާހަކަށް އެހީ ހަވާލުކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން އެއް މިލިއަން ރުފިޔާ ދީފައިވަނީ ޕްރީސްކޫލްތަކަށް ކަމަށާއި ގުރުއާން ކްލާސްތަކަށް ފަސްލައްކަ ރުފިޔާ ދީފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން ގުރުއާން ކުލާސްތަކާއި ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމަށް ޒަކާތު ފަންޑުން ފައިސާގެ އެހީ ބޭނުންވާ ފަރާތްތައް އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުން ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ޒަކާތު ފަންޑުން މިހާތަނަށް 5.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީގެ ގޮތުގައި އެ ފަންޑުން 3.3 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ދޭ ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު ވެސް ވަނީ މިހާރު ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު