އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓުގައި، ހިލޭ އެހީ ހޯދުމަށް އެކި ގައުމުތަކުން 2.3 ބިލިއަން ރުފިޔާ ނަގަން އޮތް އިރު އެ ފައިސާ ނަގަނީ ވަކި ގައުމަކުންކަން ބަޔާންކޮށްފައި ނެތުމަކީ ކަނބޮޑުވާންޖެހޭ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ދައުލަތުގެ ބަޖެޓް ދިރާސާކުރަމުން އަންނަ ރައްޔތުންގެ މަޖިލީހުގެ ބަޖެޓް ކޮމީޓީގައި، ބަޖެޓާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަކޮށް، އޮޑިޓް އޮފީހުން ބުނީ، "ބަޖެޓުގައި ކަންބޮޑުވުންތަކެއް އެބަހުރި. އޭގެ ތެރޭގައި އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި މިހުރީ ވަކި ގައުމަކުން ބަޔާން ނުކޮށް، ކޮން ގައުމަކުންތޯ ނަގާނީ ބަޔާންނުކޮށް ބަޖެޓުގައި ފާހަގަކޮށްފައިވާ 2.3 ބިލިޔަން ރުފިޔާގެ ދަރަނި، ފައިސާ ލިބޭނެ ކަމަށް އޮތް މައްސަލަ،" ކަމަށެވެ.
އޭގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން، 6.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާ އިރު، ޑޮމެސްޓިކް މާކެޓުން 3.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވުމަކީ ކަންބޮޑުވުންތަކެއް ކަމަށްވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް އޮފީހުން ބުނީ އެކަމާ ގުޅިގެން މުޅި ފައިނޭންސިންއަށް ބަލާ އިރު، "12 ބިލިއަން ރުފިޔާ އެއީ ޓޯޓަލް ޑެފިސިޓް. ފައިނޭންސްކުރަން 15 ބިލިޔަން ރުފިޔާ. އޭގެ ތެރެއިން 12 ބިލިއަން ރުފިޔާއަކީ މުޅިން ކަށަވަރު ނުކުރެވޭ ކަންތައްތަކެއް،" ކަމަށްވެސް ބުނެފައިވެއެވެ.
އޮޑީޓް އޮފީހުން ބުނީ މިއަހަރު ނިމޭއިރު 9.9 ބިލިއަން ރުފިޔާ ޑޮމެސްޓިކް މާކެޓުން ނަގާނެ ކަމަށް އަންދާޒާ ކުރާ އިރު، އަންނަ އަހަރު ނަގަން ކަނޑައަޅާފައިވާ 3.7 ބިލިއަން ރުފިޔާއަކީ ލިބޭނެ ކަމަށް ކަށަވަރު ނުވާ އަދަދެއް ކަމަށެވެ.
އޮޑިޓް އޮފީހުގެ ބެލުންތަކުން އެ ފައިސާއަކީ އަދި ލިބޭނެ ކަމަށް ޔަގީންނުވާ އެއްޗެއްކަމުން، އެ ފައިސާ ނެގުމަށް ދުރާލާ މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ފައިސާ ނުލިބޭ ހާލަތެއް އަތުވެއްޖެނަމަ ބަޖެޓުން ހަރަދު ކުރަން ބޮޑެތި މައްސަލަތަކެއް ދިމާވެ ބަޖެޓުގެ ހަރަދުތައް ކުޑަކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބެޖެޓުގައި ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން އަންނަ އަހަރު 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އެ ފައިސާގެ ތެރެއިން 1.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ އިންޑިއާ އިންނެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިިިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 15.5 ބިލިއަން ރުފިޔާ އިން ބަޖެޓް ޑެފިސިޓްވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު