އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާކުރަން ހުށަހެޅި މައްސަލައިގެ ހުކުމާ ހިސާބަށް ހިންގައްޖެއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވައިލައްވަމުން، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު އައިޝާ ސުޖޫން ވިދާޅުވީ، އެ މައްސަލަ ދިރާސާކުރަމުން ގެންދާއިރު، އިތުރަށް ސުވާލެއް ކުރަން ނެތްނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުގެ ފާރާތުން ވާހަކަ ދެއްކެވި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ އަލީ ޝުހައިލް މުހައްމަދު ވިދާޅުވީ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭކަމަށް ހުކުމް ކޮށްފައިވަނީ، ދީބާޖާއިން ހުށަހެޅި ކޮން ޑޮކިއުމެންޓްތަކަކަށް ބިނާކޮށްގެން ކަން އެނގެން ނެތް ކަމަށެވެ. އަދި އެއީ ކޮން ފޮމިއުލާއެއްގެ ދަށުން ކޮށްފައިވާ ހިސާބުތަކެއްކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނީގައި ނެތް ޕްރެޒެންޓް ވެލިއުއެއްގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބޭނެކަަމަށް ބަލައި 6.9 މިލިޔަން ރުފިޔާ، 50 އަހަރަށް ގުނަ ކޮށްފައިވާކަން އެ ހިސާބުތަކުން އެނގޭ ކަމަށެވެ. އެއީ ދީބާޖާއިން ސަރުކާރާއެކު އެގްރީމެންޓް ކޮށްފައިވާ މުއްދަތަކަށް ކަމަށާއި ނަމަވެސް އެ އެގްރީމެންޓް ބާތިލު ކުރިއިރު އެ މުއްދަތުން ބައެއް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން 50 އަހަަރަށް އެ ހިސާބު ހަދަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލަށް ޖަވާބުދެއްވަމުން ދީބާޖާގެ ވަކީލު މުހައްމަދު ހަލީމު ވިދާޅުވީ، އެ ހިސާބުތައް ހަދާފައިވަނީ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ހިސާބުތަކަށް ބިނާކޮށް ކަމަށެވެ. އަދި އޮޑިޓްގެ ޓާމިނޮލޮޖީ ދައުލަތުގެ ވަކީލަށް ނޭނގުމަކީ ހިސާބުތައް ގޯސްވުންކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދީފައިވާއިރު، ދީބާޖާއަށް ބަދަލުދޭން ވުމުން ދައުލަތުން އެކަން ނުކުރަން އުޅޭކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ހަލީމު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ކަންކަމުގައި ސަރުކާރުން ކަންތައް ކުރަންޖެހޭނީ ހަމަހަމަ އުސޫލުން ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓައިފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖާ ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.