މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކު ހުޅުވައިފިއެވެ.

މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ޕާކު ހުޅުއްވައިދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕާކުގެ ބޮޑު މިނުގައި 2.5 ހެކްޓަރު ހުރެއެވެ. އަދި މި ޕާކްގައި ރާއްޖޭގެ އެކި ސަރަހައްދުން ގަސްތައް ގެނެސް، ވަނީ ހައްދައިފައެވެ. އަދި އެތަނުގެ އެކި ތަންތަނަށް ވަކީން ހާއްސަ ނަންތަކެއް ވެސް ދީފައިވެއެވެ. އެގޮތުން މެދުބަގީޗާ، ކަސްރަތު ފެހި، ފާލަން އައްސޭރި، ހޭޅި، ވަރުނުލާ ރާޅާއި އުސް ބަގީޗާ އަދި މާމެލާމެލި ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ޕާކުގައި ޕޮންޑަކާއި ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި އުސްފަސްގަނޑަކާއި 300 އަށްވުރެ ގިނަ ބެންޗް ހިމެނެއެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓަން ދިވެހިން ތަމްރީން ކުރެވެމުން އަންނަ ކަމަށާއި ބަގީޗާގެ ކަންކަން ބެލެހެއްޓުމަށް އަންހެނުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕާކުން އަންހެނުންނާއި ދިވެހިންނަށް ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި މާލޭގެ އެހެން ޕާކުތަކުގައިވެސް މަސައްކަތް ކުރާ ފަރާތްތަކަކީ ދިވެހިންނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މާމެލާމެލި ސަރައްދު ހާއްސަ ކުރެވިގެންދާނީ ކައިވެނި ޕާޓީތަކަށާއި އެހެނިހެން ޕާޓީތަކަށް ކަމަށާއި މި ޕާކަކީ މާލެ ފެހިކުރުމުގެ ފެށުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 ގައި ޕާކް ހުޅުވިގެންދާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ކައިރިން، އޮންނަ މި ޕާކު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ މި ފަހުން މާލެ ސިޓީގައި ހުޅުވުނު އެންމެ ހިތްގައިމު އެއް ޕާކެވެ.