އެފްރިކާގެ ކަމަށްވާ އެންގޯލާއާއެކު ދިވެހިރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޕާމެނެންޓް ރެޕްރެޒެންޓެޓިވް ތިލްމީޒާ ހުސައިންއެވެ. އަދި އެންގޯލާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޕާމެނެންޓް ރެޕްރެޒެންޓެޓިވް މާރިއާ ދި ޖީސަސް ދޮސް ރެއިސް ފެރޭރާއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށާއި ދެ ގައުމުގެ ރައްޔިތުން އެދޭ ކަންކަން ހާސިލުވެގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ކަމަކީ ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ. އަދި އެކުވެރިކަން ގާއިމުކުރަން އެދޭ ހުރިހާ ގައުމަކާ އެކުވެސް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ.

އެންގޯލާއާއެކު ގާއިމު ކުރެވިގެންދިޔަ ހާރިޖީ ގުޅުމާއެކު 173 ގައުމަކާއެކު ރާއްޖެއިން މިހާރު ވަނީ ހާރިޖީ ގުޅުން ގާއިމުކޮށްފައެވެ.