ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި ބަދަލާއެކު ހާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުމެއް ނެތް މި ސަރުކާރުގެ ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، އަބުދުލް މުޣުނީ ހުށަހެޅުއްވި މި ބިލަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެންމެ ފުރަތަމަ މި ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އޮތީ ރާއްޖޭގެ ބޭންކެއްގައި 500،000 ޑޮލަރު ބަހައްޓާ ފަރާތްތަކަށް ވިސާ ދޫކުރެވޭ ގޮތަށެވެ. ނަމަވެސް، އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެ އަދަދު 250،000 އެމެރިކާ ޑޮލަރަށް ދަށްކޮށް، ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ދެ ބާވަތެއް ދޫކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް އާންމުންގެ ތެރޭގައި ހިއްސާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރެސިޑެންޓް ވިސާއާއެކު ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަވިސް ފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވާހަކަތައް ދެކެވެމުންދާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެ ގަވާއިދާއެކު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވޭ. އިސްވެ ދެންނެވުނު ފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީސާއާ ގުޅުވައިގެން ދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވޭ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރެސިޑެންޓް ވީސާ ދޫކުރާނީ ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން ޓޫރިސްޓު ވީސާގައި އައިސް ވިޔަފާރިއާ ބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ރެސިޑެންޓް ވީސާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ރާއްޖޭގައި އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ވީމާ ދިވެހި ރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފުކޮށްފައިވާ ކަމަށް ބުނެ، މައުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީސާއާ ބެހޭ ސައްހަ މައުލޫމާތު އާންމުންނަށް ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިއްޔެ ފާސްކުރި ބިލުން އަލަން ތައާރަފު ކުރަަން ހިމަނާފައިވަނީ މީޓިން ވިސާ އާއި ކޯޕަރޭޓް ރެޒިޑެންޓް ވިސާއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެކެވެ.

މީޓީން ވިސާ އަކީ "ކަސްޓަމްސްގެ ކޮންޓްރޯލާ ކަނޑައަޅާ ގޮތެއްގެ މަތިން ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުން ހުރި ބައްދަލުވުމެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ދެވޭ ހުއްދައެކެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ވިސާ ކޮންމެ އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ދިވެއްސަކާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައިވާ ބިދޭސީންގެ ތެރެއިން ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދަ، ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް ކަނޑައަޅަން ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން އަލަށް ރެޒިޑެންޓް ވިސާއަށް އެދި ހުށަހަޅާ ފަރާތެއް ނަމަ އެއް އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.