ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކުގެ ކޮރަޕްޝަނުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ގުޅުވައިގެން މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ، ޝާއިއު ކުރި ލިޔުން އިސްލާހުކޮށް މައާފަށް އެދެން އަންގައިފިއެވެ.

މެޑަމް ފަޒްނާގެ ގާނޫނީ ވަކީލުންގެ ފަރާތުން އެމްއެންއެންގެ އެޑިޓަރު ސާލިމް ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ "އެމްއެންއެން އެކްސްކްލޫސިވް: ސިޓީ ހޯލް-ޑެލްޓާ އޮފް ކޮރަޕްޝަން"މި ސުރުހީގެ ދަށުން 22 އޮކްޓޯބަރ 2020 ގައި އެމްއެންއެންގެ ވެބްސައިޓްގައި މެޑަމް ފަޒްނާއާ ބެހޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމުގައި ސްރީލަންކާގެ ރައްޔިތަކާ ގުޅިގެން މެޑަމް އުފައްދާފައިވާ ކުންފުންޏަކުން ހަދާފައިވާ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކަށް ގަސްވިއްކާކަމުގެ ތުހުމަތުކޮށް، ދައްކާފައިވަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ.

ވަކީލުން ބުނެފައިވަނީ އެ ލިޔުމުގެ ސަބަބުން ފަސްޓް ލޭޑީ ފަޒްނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ހަބަރު ޝާއިއުކޮށްފައިވާ ކަމަށެވެ. އެއީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 41 ވަނަ މާއްދާގައި ބްރޯޑްކާސްޓްކުރާ ފަރާތުން އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭ ގޮތަށް ގެނެސްދެވިއްޖެ ނަމަ، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައިވާ ގޮތުގެމަތިން އެ ކުށް އިސްލާހުކޮށް، އެކަމަށް މައާފަށް އެދެން ޖެހޭ ނަމަ، އެކަމަށް މައާފަށް އެދެންވާނެ ކަމަށެވެ.

ނަމަވެސް އެމްއެންއެން އިން އެއްވެސް އަސާސެއްގެ މައްޗަށް ބުރަވުމެއް ނެތި، މެޑަމް ފަޒްނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް އެ ނޫހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެ ލިޔުން އިސްލާހުކޮށް އެ ލިޔުމަކީ ހަގީގަތާ ހިލާފު ލިޔުމެއްކަމަށް އިއުތިރާފު ވެ، މައާފަށް އެދުމަށް ވަކީލުން ވަނީ އަންގައިފައެވެ.

މީގެ ކުރިން މެޑަމް ފަޒްނާގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލައާ ގުޅިގެން އެ ނޫހަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.