ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސަށް 77،332 މީހުން ހުށަހަޅާފައިވާކަން ބެޖެޓުގެ ހިސާބުތަކުން ދައްކައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފޮތުގައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީއާ ގުޅިގެން ތައްޔާރުކޮށްފައިވާ ކޮވިޑްގެ ރެޕިޑް ލައިވްލިހުޑް އެސެސްމަންޓުން ދައްކާގޮތުގައި ރިސޯޓުތަކުން އެކަނިވެސް 45،000 މުވައްޒަފުންގެ ވަޒީފާއަށް އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 22،000 މުވައްޒަފުންނަކީ ދިވެހި މުވައްޒަފުން ކަމަށްވެސް ބަޖެޓް ފޮތުގައިވެއެވެ.
މީގެ އިތުރުން ގެސްޓެހައުސް އަދި ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ވަޒީފާއަށްވެސް އަސަރުކޮށްފައިވާ ކަމަށާއި އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފްރީލޭންސް މަސައްކަތްކުރާ ފަރާތްތަކަށްވެސް ކޮވިޑުގެ އަސަރު ކޮށްފަައިވާ ކަމަށް ބަޖެޓުގައިވެއެވެ.
"ކޮވިޑާ ގުޅިގެން އަމިއްލަ މަސައްކަތަށާއި ވަޒީފާއަށާއި މުސާރައަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓު އެލަވަންސަށް މިއަހަރުގެ އެޕްރީލް އިން ސެޕްޓެންބަރުގެ ނިޔަލަށް 77،332 އެޕްލިކޭޝަން ލިބިފައިވޭ. އަދި އޮކްޓޫބަރު 22 ގެ ނިޔަލަށް 10،538 ފަރާތަކަށް އިންކަމް ސަޕޯޓު އެލަވަންސް ޕޭމަންޓުގެ ގޮތުގައި ޖުމުލަ 116.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި،" ބަޖެޓުގައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ތިންވަނައަށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވާއިރު ހަތަރުވަނައަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.
ފަތުރުވެރިކަމުގެ ދާއިރާ އާއި އާންމު އިޖުތިމާއީ ހާލަތުގެ މައްޗަށް ބިނާވެފައި އޮންނަ ފަންގިވިނުން، ރޯނުވެށުން، ކުނާ ވިޔުން، ހެދިކާ ހެދުން އަދި ފެހުން ފަދަ މަސައްކަތްތަކަށް ކޮވިޑުގެ ސަބަބުން ބޮޑު ލޮޅުމެއް އަރައިފައިވާ ކަމަށެވެ. އެގޮތުން ޖުލައި މަހުން ސެޕްޓެމްބަރު މަހާ ދެމެދު އެކަނިވެސް މި ދާއިރާގައި މަސައްކަތްކުރާ 4167 ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބަޖެޓުގައިވެއެވެ.
މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން 36،604 މީހުންގެ ވަޒީފާއަށް އަސަރުކޮށްގެން އިންކަމް ސަޕޯޓަށް ހުށަހަޅާފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ނޯޕޭ ލީވްއަށް ދާން ޖެހިފައިވާ މީހުންނެވެ. އެގޮތުން 16،437 މީހުން ވަނީ ހުށަހަޅައިފައެވެ. އަދި ވަޒީފާއިން ވަކިކޮށްގެން 9756 މީހުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު