މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާލައިފިއެވެ.
ލޮނުޒިޔާރަތްކޮޅުގައި އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީން މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޝިފާގެ މައްސަލަ އަނބުރާ ފޮނުވާލީ ޑިއު ޕްރޮސެސްގެ ތެރެއިން ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ކަމަށެވެ.
އެ މައްސަލައިގައި ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުވަތަ މުދަލާ މެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ޝިފާގެ މައްސަލައިގައި ދައުވާ ކުރުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝިފާއަކީ ޕީޖީ ހުސައިން ޝަމީމާ ދެބެންގެދެދަރި ބޭފުޅެއް ކަމުން ޝަމީމް ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު