އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު މިއަދު ބަޖެޓް ހުށަހެޅުއްވުމާ ގުޅިގެން ބަޖެޓް ދިރާސާކުރުމަށް ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު ކަމަށް ނާޝިޒުގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް އެވެ. ތާއީދުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާގެ ނަން ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ. ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ.

މި ދެ މެންބަރުންނަކީ މި ހިނގާ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރި ކޮމިޓީގެ ވެސް މުގައްރިރާއި ނައިބު މުގައްރިރެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި، ބަޖެޓް ކޮމެޓީގެ ގަވައިދު ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ބަޖެޓް ދިރާސާ ކުރަމުންދާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލްގެ ހިޔާލު ހޯއްދެވުމަށް އެ އިދާރާތަކަށް ސިޓީ ފޮނުވުމަށް ވެސް ކޮމިޓީން ފާސްކުރި އެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމި އެވެ.