ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީގެ ކަކުލަށް ލިބުނު އަނިޔާއާއެކު ކޯޗު ރޮނާލްޑް ކޯމަންއަށް މާޔޫސްކަން ކުރިމަތި ވެއްޖެއެވެ.

ރޭ ބާސާއިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަންސޫ ފަޓީއަށް އަނިޔާވެ، އޭނާ ބަދަލުކޮށްފައި ވެއެވެ. ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި އަންސޫ ފަޓީގެ ކަކުލުގެ މެނިސްކަން ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް ފަރުވާ ކުރުމަށް ބޭނުންވާނެ ވަގުތާއި، ފަރުވާ ކުރަން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭތޯ އަންނަނީ ބަލަމުން ކަމަށްވެސް ބާސާއިން ބުނެފައި ވެއެވެ.

މެނެސްކަސްގެ އަނިޔާތަކަކީ، އަނިޔާ ބޮޑަށް ވެފައިވާ ނަމަ އޮޕަރޭޝަން ކުރަން ޖެހޭނެ ފަދަ އަނިޔާއެކެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އޮޕަރޭޝަން ނުކޮށް، ދެ މަސް ނޫނީ ތިން މަސް ދުވަހުގެ ތެރޭގައި މެނެސްކަސްގެ އަނިޔާތައް ރަނގަޅު ވެއެވެ.

އުމުރުން 18 އަހަރުގެ އަންސޫ ފަޓީ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ކުޅުމަށްފަހު ފަހު ހާފަށް ނުކުމެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ދަނޑު މައްޗަށް ނުކުމެފައިވާއިރު، މުޅި މެޗު އަނބުރާލި ކުޅުންތެރިޔަކީވެސް މެސީއެވެ. މެސީގެ ދެ ގޯލްގެ އިތުރުން ހިތްގައިމު އެސިސްޓެއް ވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

އަންސޫ ފަޓީގެ އަނިޔާއާ ގުޅިގެން ކޯޗު ކޯމަން ބުނެފައި ވަނީ ދެވަނަ ހާފަށް އަންސޫ ފަޓީ ނުނެރުނީ ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށާއި، އަވަހަށް އަނިޔާއިން ރަނގަޅުވެ ދަނޑުމަތިން ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އަންސޫ ފަޓީއަށް ސްޕެއިންގެ ބައެއް މެޗުތައް ގެއްލޭނެއެވެ. ބާސާއަށް އޮތް ކަންބޮޑުވުމަކީ އިންޓަނޭޝަނަލް ބްރޭކަށްފަހު މިމަހުގެ 21 ވަނަ ދުވަހު އެ ޓީމުން ވަރުގަދަ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގައި އަންސޫ ފަޓީ ނުފެންނާނެ ކަމަށް އޮތް މާޔޫސް ކަމެވެ.

ލީގު ތާވަލުގައި ވަރުގަދަ ރެއާލް މެޑްރިޑާ ވާދަކުރުމަށް ބާސާއަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު، އަންސޫ ފަޓީ ފަދަ މުހިއްމު ކުޅުންތެރިޔަކަށް އަނިޔާވުމަކީ ބާސާއަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ.