ދިވެހި ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީ ލަންކާއަށް އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ ފޮރިން މިނިސްޓްރީން ބުނީ، އެކަމާ ގުޅިގެން ރަސްމީ އެއްވެސް މައުލޫމާތެއް ލަންކާ ސަރުކާރުން ހިއްސާކޮށްފައި ނެތް ކަމަށެވެ. އަދި އެކަމާގުޅޭ އިތުރު މައުލޫމާތު ލަންކާގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބުންޏެވެ.

"ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީ ލަންކާއަށް އެތެރެ ކުރެވޭނެކަމުގެ ޔަގީންކަން ސްރީ ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭން ލަންކާއަށް އެތެރެކުރާ މަހުގެ ބައެއް ބާވަތްތަކުން ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސް ލަންކާއަށް އެކްސްޕޯޓް ނުކުރެވުމަކީ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމެކެވެ. އަދި ބޭނުންވަނީ އެއަށްވުރެ މާ އަގުބޮޑު ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކޮށްގެން މަހުން ލިބޭ އެންމެ ބޮޑު އަގާއި މަންފާ ދިވެހި މަސްވެރިންނަށް ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.