ވޯޓު ގުނުން ހުއްޓުވަން އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ނާކާމިޔާބުވާން ފަށައިފިއެވެ.

ޓްރަމްޕް ވަނީ ވޯޓު ގުނުމުގައި ބޮޑެތި މަކަރު ހަދާކަމަށް ވިދާޅުވެ ބައެއް ސްޓޭޓް ތަކުގެ މައްސަލަތައް ކޯޓަށް ވައްދަވައިފައެވެ.

އެ ގޮތުން ޖޯޖިއާގެ އިތުރުން ޕެންސޭލްވޭނިއާ އަދި މިޝިގަންގައި ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ފިލަޑެލްފިއާގެ ވޯޓު ގުނުން ކުރިއްޔަށް ދާ މަންޒަރު އާންމުންނަށް ފެންނަ ގޮތަށް ކުރިޔަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

މިޝިގަންގެ ކޯޓުން ވަނީ ވޯޓު ގުނުން ހުއްޓުވަން ޖެހޭ ވަރުގެ ކަމެއް ފާހަގަ ވާވަރަށް ހެކި ނެތް ކަމަށް ބުނެ ހުއްޓުވުމުގެ އަމުރެއް ނުނެރެން ނިންމައިފައެވެ.

ފިލަޑެލްފިއާގެ ކޯޓުން ވަނީ ވޯޓު ގުނުން ކުރިޔަށް ދާ ސަރަހައްދުގެ ހަ ފޫޓު ދުރުގައި އޮބްޒާވަރުން ތިބުމަށް އަމުރެއް ނެރެފައެވެ.

ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ ބޮޑެތި ސްޓޭޓް ތަކުގެ ތެރެއިން ބައިޑަން އަށް ކާމިޔާބު ލިބޭ ސްޓޭޓްތަކުގެ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ ޓުވީޓު ކޮށްފައެވެ.